07 އޮކްޓޯބަރ 2016 - 08:09

ލަންޑަން (އޮކްޓޫބަރު 7) - ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ލިބުނު ކުރިއެރުމުގެ ސިއްރަކީ އިސްލާމްދީން ކަމަށާއި މުސްލިމަކަށްވުމަކީ ކުރިއަށްދިއުމުގެ އެންމެ ބޮޑު ހިތްވަރުކަމަށް އާސެނަލަށް ކުޅޭ ޖަރުމަނުގެ ޑިފެންޑަރު ޝޮރްޑަން މުސްތާފީ ބުނެފި އެވެ.
އަލްބޭނިއާގެ މުސްލިމް އާއިލާ އަކަށް އުފަން އުމުރުން 24 އަހަރުގެ މުސްތާފީ ސްޕެއިނުގެ ވެލެންސިއާ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލަށް ބަދަލުވީ 35 މިލިއަން ޕައުންޑަށެވެ. އެ ޓީމަށް ބަދަލުވުމަށް ފަހު މިހާތަނަށް ކުޅުނު މެޗުތަކުގައި މުސްތާފީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"މުސްލިމަކަށް ވުމަކީ އަހަންނަން ވަރަށް މުހިއްމު ކަމެއް. ކުޅުންތެރިއަކަށް ވުމުން ދަތުރުކުރަން ޖެހޭތީ ގަވައިދުން ނަމާދުކުރަން އުނދަގޫތަކެއް ދިމާވޭ. އެކަމަކު އެއީ މައްސަލައެއް ކަމަށް ނުދެކެން،" ޖަރުމަނުގެ ބިލްޑަށް ދިން އިންޓަވިއުއެއްގައި މުސްތާފީ ބުންޏެވެ.
މުސްތާފީ ބުނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ރޯދަ މަހާ ދިމާވުމުން ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.
"ޔޫރޯ ކުރިއަށްދިޔައިރު ރޯދަ މަހާ ދިމާވުމުން އުނދަގޫތަކެއް ކުރިމަތިވި. ގެއްލުނު ރޯދަތައް ޖެހުނީ ލަސްކުރަން. ޓީމުގައި ތިބި މުސްލިމް އެހެން ކުޅުންތެރިން ވެސް އެގޮތަށް ކުރިއަށް ގެންދިޔައީ،" މުސްތާފީ ބުންޏެވެ.
"އަހަރެން ގުރުއާން ކިޔަވަން މެޗުގެ ކުރިން ވެސް. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ޓީމުގައި ހިމެނޭ އެހެން ދީންތަކަށް ތަބާވާ ކުޅުންތެރިން ވެސް. އެއީ އަހަންނަން މައްސަލައެއް ނޫން. ހުރިހާ ދީނަކަށް ވެސް އަހަރެން އިހުތިރާމްކުރަން."
އާސެނަލް ކަހަލަ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އިނގިރޭސި ޕްރިމިއާ ލީގަކީ އުނދަގޫ ލީގެއް ނަމަވެސް އުއްމީދުކުރަނީ އާސެނަލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.