06 އޮކްޓޯބަރ 2016 - 11:56

ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް ސީރިއާގެ ސީނިއާ ގައުމީ ޓީމަށް ނަގައިފި އެވެ.
އޭނާ ހިމަނާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަންގާރަ ދުވަހު ގަތަރާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގަ އެވެ.
ސީރިއާ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފައިވާ އުމުރުން 28 އަހަރުގެ ކީޕަރަކީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި ކުޅެމުން އަންނަ އެންމެ މޮޅު އެއް ކީޕަރެވެ. ލީގުގެ ހަތަރު ވަނައިގައި 23 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތްއިރު އޭނާގެ ދައުރު ބޮޑެވެ.
ޔޫސުފްގެ އިތުރުން ސީރިއާ ސްކޮޑުގައި ހިމެނެނީ ސީރިއާގެ އަލް-އިއްތިހާދު އަށް ކުޅޭ އިބްރާހިމް އަލްމާ އާއި އެއް މެޗު ކުޅެފައިވާ އަލް-ޖައިޝްގެ އަހުމަދު މަޑާނިއާ އެވެ.
ރާއްޖޭގައި ކުޅުނު ދެކުނު އޭޝިއާ ނޫން ގައުމެއްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި 1980ގެ އަހަރުތަކުގައި ވެލެންސިއާ އަށް ކުޅުނު ސްޕެއިނުގެ ހޫލިއޯ އަލްބާޓޯ އާއި ވިކްޓަރީ އަށް ކުޅުނު މޮރޮކޯގެ ފިދާދީ މުހައްމަދާއި ނިއު ރޭޑިއަންޓަށް ކުޅުނު ލައިބީރިއާގެ ޗާލްސް ރައިޓް ގަޔޭ އާއި ވީބީ ސްޕޯޓްސް އަށް ކުޅުނު ނައިޖީރިއާގެ ސެމުއަލް އޮކުނޮވޯ ހިމެނެ އެވެ.