06 އޮކްޓޯބަރ 2016 - 15:07

ފުއްޕާމެއަށް ފާނަބަސަންދު ޖެހިގެން މަސް ދުވަހުގެ ތެރޭގައި ދެ ވަނަ މީހަކު އައިޖީއެމްއެޗުގައި ނިޔާވެއްޖެ އެވެ.

ފާނަބަސަންދަކީ ވަރަށް އާއްމު ބައްޔެއް ނަމަވެސް ފުއްޕާމެއަށް މި ބަލި ޖެހެނީ ވަރަށް މަދުންނެވެ. އަދި ފާނަބަސަންދު ޖެހިގެން ރާއްޖޭގައި މީހުން މަރުވާ އަދަދު ވެސް މަދެވެ.
އެކަމަކު އުމުރުން 38 އަހަރުގެ ޒުވާނަކު ރޭ އެ ބަލީގައި ނިޔާވެފައިވާ އިރު މީގެ މަހެއްހާ ދުވަސް ކުރިން 70 އަހަރުގެ މީހަކު ވެސް ވަނީ ފުއްޕާމެ އަށް ފާނަބަސަންދު ޖެހިގެން ނިޔާވެފަ އެވެ.
ވެންޓިލޭޓަރެއްގައި ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ދެމުން އައި، 38 އަހަރުގެ ފަރުހާދު މުހައްމަދު ނިާވީ އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް ރޭ ދިހައެއް ޖަހާކަންހާއިރެވެ.
އޭނާ މަރުވިއިރު، އަންބަކާއި އުމުރުން 11 އަހަރުގެ އެއްމާބަނޑު ދެ އަންހެންކުދިންނާއި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.
ފަރުހާދަށް ފާނަބަސަންދު ޖެހުނުކަން އެނގުނީ މިދިޔަ މަހު 23ގައި އޭނާ މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމުންނެވެ.
އާއިލާގެ މީހަކު ކިޔައިދިން ގޮތުގައި މީގެ ކުރިން މާ ބޮޑު ބައްޔެއް ނުވާ ފަރުހާދު އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ދިއުމުން އެއީ ވައިރަލް ފީވާއެއް ކަމަށް ބެލުމަަށް ފަހު ދިނީ ޕެއިން ކިލާއެކެވެ. އޭރު ގައިގެ ބޭރުފުށުގައި ބިއްސެއް ކަހަލަ އެއްޗެއް ނުނަގާ ކަމަށާއި އެކަމަކު ދެވަނަ ދުވަހު ޑޮކްޓަރަށް ދިޔައިރު، ބޭރުފުށުން ފާނަބަސަންދުގެ ނިޝާން ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ.
"އެ ދުވަހު ދެން އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރަށް ލީ. އޭރު އޭނާ އަށް ރަނގަޅަށް ނޭވާ ވެސް ނުލެވޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އިތުރު ފަރުވާ ދިނުމަށް ކުރިން ރާއްޖޭން ބޭރަށް ނުގެންދެވުނީ ފާނަބަސަންދު ޖެހިފައި ހުރުމުން ފްލައިޓަށް ނޭރުވުމުން ކަމަށާއި އެކަމަކު ރޭ އޭނާ ނިޔާވީ ޗާޓަރު ފްލައިޓެއްގައި ބޭރަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ޑޮކްޓަރު، އަލީ އަބްދުﷲ ލަތީފު ވިދާޅުވީ ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުންނަށް ފާނަބަސަންދު ޖެހޭއިރު ހާލު ސީރިއަސްވާ ކަމަށާއި އެކަމަކު ފުއްޕާމެއަށާއި ސިކުނޑި އަށް އޭގެ އަސަރު ކުރަނީ ވަރަށް މަދުން ކަމަށެވެ.
އަދި އާއްމު ގޮތެއްގައި އެގޮތަށް ހާލު ސީރިއަސް ވަނީ ހަކުރު ބަލި ކަހަލަ ބަލިތަކަށް ބޭސް ކުރާ މީހުންނަށް ފާނަބަސަންދު ޖެހިގެން ކަމަށް ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަންގަނޑުގައި ބިހިތަކެއް ނަގައި، ހިރުވައި އަދި ގަދަޔަށް ހުން އަންނަ މި ބަލީގެ އަސަރު ފުއްޕާމެއަށް ކުރުމުން އޮކްސިޖަން ފޯރުކޮށެއް ނުދެވެ އެވެ. އޭގެ ސަބަބުން ނޭވާލައްވަން ޖެހެނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށާއި ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށް ނުދެވުމުން އެ ގުނަވަންތައް ހަލާކުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ފުއްޕާމެއަށް ފާނަބަސަންދު ޖެހެނީ މީހާގެ އަމަލުތައް ހުންނަ ގޮތަކުން ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މީހާގެ އަމަލުތައް ވަކި ގޮތަކަށް ބަހައްޓައިގެންނެއް ނޫން ފުއްޕާމެއަށް އޭގެ އަސަރު ކުރަނީ. އާއްމުގޮތެއްގައި އެހެން ދިމާވަނީ ދިފާއީ ނިޒާމު މާ ބަލިކަށިވުމުން،" ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަސޭހައިން ގައިން ގަޔަށް އަރާ އެ ބަލި އާއްމުގޮތެއްގައި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އަތް ލެވިގެންނެވެ. އެކަމަކު އަތް ނުލި ނަމަވެސް ވައިގެ ޒަރީއާއިން ވެސް ފާނަބަސަންދު ފެތުރޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ، މި ބަލިން ރައްކާތެރިވުމަށް ބަލި ޖެހިފައިވާ މީހާ އެހެން މީހުންނާ އެކަހެރިކޮށް ބޭއްވުން ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ކުޑަކުދިންގެ ގައިން މި ބަލި ބޮޑެތި މީހުންގެ ގަޔަށް އެރި ނަމަވެސް، ބޮޑު މީހާގެ ހާލު ސީރިއަސް ވެދާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފާނަބަސަންދަކީ ބޭސް ފަރުވާ ކޮށްގެން ރަނގަޅު ކުރެވޭ ބައްޔެކެވެ.