ރަނގަޅުކޮށްގެން ނެރުނު ނޯޓު 7 ވެސް ގޮވައިފި
ރަނގަޅުކޮށްގެން ނެރުނު ނޯޓު 7 ވެސް ގޮވައިފި

ވޮޝިންޓަން (އޮކްޓޯބަރު 6) - ސެމްސަން ކުންފުނިން އަލަށް ނެރުނު ގެލެކްސީ ނޯޓު 7 ގެ ބެޓްރީގައި ގޮވުމުން އެ މައްސަލަ ހައްލުކޮށްގެން ދެވަނަ ފަހަރަށް ބާޒާރަށް ނެރުނު ފޯނުތަކުގެ ތެރޭން ފޯނެއްގެ ބެޓްރީ ވެސް ގޮވައިފި އެވެ.

އެންމެ ފަހުގެ މައްސަލަ ދިމާވެފައި މިވަނީ ސައުތުވެސްޓް އެއާލައިންސްގެ މަތިންދާ ބޯޓަކަށް ޕަސިންޖަރަކު ހިފައިގެން އެރި ފޯނެއްގަ އެވެ. އެމެރިކާގެ ކެންޓަކީން މެރީލޭންޑަށް ދަތުރު ކުރަން ހަމަޖެހިފައިވާ މަތިންދާ ބޯޓުގައި އޮތް ނޯޓު 7 ގެ ފޯނުގެ ބެޓްރީން ދުން އަރަން ފެށުމުން ބޯޓުން ޕަސިންޖަރުން ވަނީ ހުސްކޮށްފަ އެވެ.

ނޯޓު 7 ގެ ބެޓްރީ ގޮވުމުން ދެކުނު ކޮރެއާގެ ސެމްސަން ކުންފުނިން ވަނީ ބާޒާރަށް ނެރުނު ފޯނުތައް އަނބުރާ ނަގައިފަ އެވެ. އަދި މައްސަލަ ހޯދާ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މައްސަލަ ހައްލުކޮށް ފޯނު އަލުން ބާޒާރަށް ނެރުމަށް ފަހު ސެމްސަންގުން ބުނެފައި ވަނީ ކުރިން ދިމާވި މައްސަލަ ދެން ދިމާ ނުވާނެ ކަމަށެވެ.

އެންމެ ފަހުން ދިމާވި މައްސަލައާ ގުޅިގެން ސެމްސަން ކުންފުނިން ބުނެފައި ވަނީ ސައުތުވެސްޓްއާ ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.

ސައުތުވެސްޓް އެއާލައިންސްގެ ތަރުޖަމާނަކު ބީބީސީ އަށް ބުނީ ބޯޓުގައި ހުރި ޕަސިންޖަރެއްގެ ފޯނުން ދުން އަރާތީ ޕަސިންޖަރުންނާއި ކްރޫންގެ ސަލާމަތަށް ޓަކައި ބޯޓު ހުސްކޮށްފައިވާ ކަމަށެވެ. ފޯނުގެ ވެރި މީހާ ބުނީ އޭނާ އެ ފޯނު ގަތީ މިދިޔަ މަހު 21 ގައި ކަމަށެވެ. އަދި ރަނގަޅުކޮށްގެން އަލަށް ނެރުނު ފޯނުކަން އަންގައި ދިނުމަށް އައިކޮންއެއް ޖަހާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާގެ ފޯނު ޖީބުގައި އޮއްވާ ހޫނުވާން ފެށިއިރު އޮތީ ފޯނު ނިއްވާލަފައިވާ ކަމަށް ވެސް ބުންޏެވެ. އޭގެ ފަހުން ފޯނު ނަގާ ބޯޓު ތެރެއަށް އެއްލާލުމުން އެ ފޯނުން އޮލަ ދުމެއް އެރި ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ނޯޓު 7 މަތިންދާ ބޯޓަށް އަރުވާއިރު ނިއްވާލާފައި ބޭއްވުމަށާއި ޗާޖު ނުކުރުމަށް އަންގައިފަ އެވެ. އަދި ލަގޭޖުގެ ތެރެއަށް ފޯނު ލާފައި ނުބޭއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.