ބެޑްމިންޓަން ސަރަހައްދީ ބޮޑު ކޯހެއް ރާއްޖޭގައި
ބެޑްމިންޓަން ސަރަހައްދީ ބޮޑު ކޯހެއް ރާއްޖޭގައި

ބެޑްމިންޓަން ކޯޗުން ތަމްރީން ކުރުމަށް ސަރަހައްދީ ބޮޑު ކޯހެއް މިއަދު މާލޭގައި ފަށައިފި އެވެ.

މިއަދު ފެށި "ބެޑްމިންޓަން ޝަޓްލް ޓައިމް ރީޖަނަލް ޓިއުޓަ ކޯސް" އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކޯހެކެވެ. މި ކޯސް ރާއްޖޭގައި މި ބާއްވަނީ ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަން (ބީއޭސީ)އާ ގުޅިގެންނެވެ.

މި މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި ތިން ގައުމަކުން ޖުމްލަ 13 ފަރާތަކުން ބައިވެރިވެ އެވެ. އެއީ ރާއްޖެ އާއި ސްރީލަންކާ އިން ކޮންމެ ގައުމަކުން ފަސް ކޯޗުންނާއި ބޫޓާންގެ ތިން ކޯޗުންނެވެ. ކޯހުގައި ކިޔަވައިދޭނީ ފިލިޕީންސް އާއި ބުރުނާއިގެ ދެ ތަޖުރިބާކާރުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނީ މި ކޯހުގެ ސަބަބުން ރާއްޖޭގައި ޝަޓްލް ޓައިމް ހަރަކާތްތައް ހިންގަން އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގައި ކުރިއަށްދާ ޝަޓްލް ޓައިމް ހަރަކާތްތައް ކުރިއަށްގެންދާނީ މިހާރު ކުރިއަށްދާ ރީޖަނަލް ޓިއުޓާ ކޯހުގައި ބައިވެރިވި ދިވެހި ކޯޗުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މީގެ ކުރިން ވެސް ޝަޓްލް ޓައިމްގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ. މި ގޮތުން މި ހަރަކާތްތައް ކުރިއަށްގެންދަނީ އަތޮޅު ތަކުގެ ބެޑްމިންޓަން ކޮމިޓީތަކާއި ކްލަބްތަކާ ގުޅިގެންނެވެ.