ރިސޯޓްތަކުގެ އިސް މަގާމުތަކުގެ 50 ޕަަސެންޓް ދިވެހިންނަށް ދޭ ގޮތަށް އިސްލާހު ހުށަހަޅައިފި
ރިސޯޓްތަކުގެ އިސް މަގާމުތަކުގެ 50 ޕަަސެންޓް ދިވެހިންނަށް ދޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ވިލާ ހޮޓެލްސްގެ ބައެއް ރިސޯޓްތަކުގެ އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރިސޯޓެއް ނުވަތަ ހޮޓަލެއް ހުޅުވޭތާ މަދުވެގެން ފަސް އަހަރުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތުން ވަޒީފާގެ ފުރުސަތު ދޭން ވާނެ ކަމަށެވެ.

ޓޫރިޒަމް ގާނޫނުގެ 34 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ހިނގަމުންދާ ރިސޯޓް އަދި ހޮޓާތަކުން ވެސް އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުސަތު ދޭން ޖެހެ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އެ މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ އުސޫލެއް އެ ގާނޫނަށް އަމަލު ކުރާތާ ހަ މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ފައިސަލް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ޖެހެ އެވެ.

ޓޫރިޒަމް ގާނޫނަށް މެމްބަރު ފައިސަލް އެ އިސްލާހު ހުށަހެޅުއްވި އިރު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 45 ޕަސެންޓް ދިވެހިންނަށް ވާން ޖެހޭނެ ކަމަށް ޓޫރިޒަމް ގަވައިދުގައި ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކުގައި ދިވެހިންނަށް އެ މިންވަރަށް ވަޒީފާ ނުދޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ.