އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 20 ގައި
އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 20 ގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އާ ރައީސަކާއި އާ އެގްޒެކެޓިވް ކޮމިޓީއެއް އިންތިހާބުކުރުމަށް އަންނަ ނޮވެމްބަރު 20 ވަނަ ދުވަހު އިންތިހާބީ ކޮންގްރެސް ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:30 ގައި ކުރިން އެ އެސޯސިއޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމަށް އެދިފަ އެވެ.

އެފްއޭއެމްގެ އެކްސްކޯ އުވުނީ، އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާ މެދު ހިތްހަމަނުޖެހިގެން އެކްސްކޯގެ ފަސް މެމްބަރަކު މިދިޔަ މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދިނުމުންނެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފި ނަމަ އެކްސްކޯ އުވި އަދި އަލުން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، އިންތިހާބު ބާއްވަން ޖެހޭނީ އިމަޖެންސީ ކޮމިޓީންނެވެ. އެ ކޮމިޓީގެ ނެތުމުން އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސައި އިންތިހާބު އިއުލާންކުރީ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އަދި ކެންޑިޑެސީ ދިނުމާއި އިންތިހާބުގެ އެހެނިގެން މަސައްކަތްތައް ކުރާނީ އެފްއޭއެމްގެ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީންނެވެ.

އާ އަސާސީ ގަވާއިދުގެ ދަށުން އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން ޖެހޭނީ ޓީމެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސްކަމަށް ކުރިމަތިލައްވާ ފަރާތުން، އެކްސްކޯގެ އެހެން މަގާމްތަކަށް މެމްބަރުން ނޮމިނޭޓްކުރަން ޖެހޭނެ އެވެ.

މިއީ މި އަހަރު ބާއްވާ އެފްއޭއެމްގެ ދެ ވަނަ އިންތިހާބެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި އިންތިހާބު ފަސްވީ އަސާސީ ގަވާއިދު ފާސްނުވުމާއި އަދި އެ ގަވާއިދު ރަޖިސްޓްރީކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ. މައްސަލަތައް ހައްލުކުރުމަށް ފަހު އިންތިހާބު ބޭއްވޭވަރުވީ މި މި އަހަރުގެ މޭ 31 ވަނަ ދުވަހު އެވެ. އެކަމަކު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ތޯރިގް އިންތިހާބު ކާމިޔާބުކޮށް މަގާމާ ހަވާލުވިތާ ތިން މަސް ނުވަނީސް މައްސަލަތައް އުފެދި އެންމެ ފަހުން އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އެވެ.