ޝްވައިންސްޓައިގާ މައްސަލައިގައި ގުންޑޮގާން ޔުނައިޓެޑަށް ފާޑުކިޔައިފި
ޝްވައިންސްޓައިގާ މައްސަލައިގައި ގުންޑޮގާން ޔުނައިޓެޑަށް ފާޑުކިޔައިފި

މިއުނިކް (އޮކްޓޫބަރު 6) - ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާއާ މެދު މެންޗެސްޓާ ޔުނައިޓެޑުން އަމަލުކުރަމުން އަންނަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ބުނެ މެންޗެސްޓާ ސިޓީ އަށް ކުޅޭ ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ޔުނައިޓެޑަށް ފާޑުކިޔައިފަ އެވެ.

ބަޔާނަށް 15 އަހަރު ކުޅެދިނުމަށް ފަހު ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ޔުނައިޓެޑާ އެކު އުމުރުން 32 އަހަރުގެ ޝްވައިންސްޓައިގާ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ލުއީ ވެން ހާލްގެ ކޯޗުކަމުގައި ޝްވައިސްޓައިގާ އަށް ގިނަ މެޗުތަކުގައި ފުރުސަތު ދިން ނަމަވެސް މި ސީޒަނުގައި ހޯސޭ މޮރީނިއޯ ޔުނައިޓެޑާ ހަވާލުވި ފަހުން ޝްވައިންސްޓައިގާ ހުރީ ބާކީވެފަ އެވެ.

ފުރަތަމަ ޓީމުން ޝްވައިންސްޓައިގާ އަށް ފުރުސަތު ނުލިބޭއިރު އޭނާ ތަމްރީން ހަދަމުން އަންނަނީ ޔުނައިޓެޑް ޔޫތު ޓީމާ އެކު އެވެ.

"ޝްވައިންސްޓައިގާއާ މެދު ޔުނައިޓެޑުން ކަންތައް ކުރަނީ ވަރަށް ބޭއިންސާފުން. ފިޓްކޮށް ހުރި ޝްވައިންސްޓައިގާގެ ބޭނުން ދުނިޔޭގެ ކޮންމެ ކްލަބަކަށް ހިފޭނެ. އޭނާ އަކީ އާދައިގެ ކުޅުންތެރިއެއް ނޫންކަން ފުޓްބޯޅައިގެ ކޮންމެ މީހަކަށް އެނގޭނެ،" ގުންޑޮގާން ބުންޏެވެ.

މި ސީޒަނުގައި ސިޓީ އަށް ބަދަލުވުމަށް ފަހު ގުންޑޮގާން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކުޅެފަ އެވެ. ގުންޑޮގާން އަކީ ކުރިއަށް އޮތް އަހަރުތަކުގައި ޝްވައިންސްޓައިގާ ނެތްތަން ފޫބައްދަން ޖަރުމަނުން ބޭނުންކުރާނެ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޝްވައިންސްޓައިގާ ވަނީ މި ފަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމުން ރިޓަޔާ---ކޮށްފަ އެވެ.