31 މެއި 2016 - 13:26

ސަރުކާރާ އިދިކޮޅު އިއްތިހާދެއް އެކުލަވާލައި، އެ ކޯލިޝަންގެ ލީޑަރަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އައްޔަންކުރަން ނިންމައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖަމީލް ލީޑަރަކަށް ހަމަޖައްސަން ނިންމީ އިނގިރޭސި ވިލާތުގައި ތިއްބެވި ސިޔާސީ ލީޑަރުން މަޝްވަރާކުރެއްވުމަށް ފަހު އެވެ. އަދި މާދަމާ ލަންޑަންގައި ބާއްވާ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރާނެ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އިއްތިހާދުގެ މައިގަނޑު މަސައްކަތަކަށް ވާނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބާއްވަން މަގު ފަހިކުރުން ކަމަށް "މިހާރު"އާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
މި އިއްތިހާދުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޑިމޮކްރަސީ އަލުން ގާއިމްކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް މަގު ފަހިކުރުމެވެ. އަދި ބޭރުގައި ތިއްބަވައިގެން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރަން ވެސް އިއްތިހާދުން ވަނީ އަމާޒު ހިފައިފަ އެވެ.
އިދިކޮޅު އިއްތިހާދެއް ގާއިމްކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ. އިންޑިއާގެ ދަ ހިންދު އަށް މިދިޔަ ހަފުތާގައި ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިއްތިހާދުގެ ލީޑަރަކަށް ޖަމީލް ވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.
ސިޔާސީ ގޮތުން އެކި ފިއްތުންތައް ކުރިމަތިވާ ކަމަށް ތުހުމަތުކޮށް ސިޔާސީ ބައެއް ބޭފުޅުން މިހާރު ތިއްބެވީ ލަންޑަންގަ އެވެ. އޭގެ ތެރޭގައި ނަޝީދާއި ޖަމީލުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ހިމެނެ އެވެ.
ރާއްޖޭގައި އުޅުއްވާ ސިޔާސީ ބައެއް ބޭފުޅުން ވެސް މިހާރު ވަނީ ލަންޑަންގެ ބައްދަލުވުމަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އަދަލާތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި 11 އަހަރަށް ޖަހަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހިމެނެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް "ބަދަލެއް ގެންނަން" ބާއްވާ ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިސްލާހީ މަސައްކަތުގައި 2004 ގައި މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ވުރެ މިހާރު ތިއްބެވީ މާ ވަރުގަދަ އިދިކޮޅު ލީޑަރުންތަކެކެވެ. އެހެންކަމުން ބޭރުގައި ތިއްބަވައިގެން ރާއްޖެ ހަމަ މަގަށް އެޅުވުން ނޫން ގޮތެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.