ހިބަޅިިދޫ އެހެން ބަޔަކަށް ދޫކުރުން ހުއްޓުވުމަށް އަމުރު ކުރެވޭކަށް ނެތް: ކޯޓު
ހިބަޅިިދޫ އެހެން ބަޔަކަށް ދޫކުރުން ހުއްޓުވުމަށް އަމުރު ކުރެވޭކަށް ނެތް: ކޯޓު

ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު ބ. ހިބަޅިދޫ އެހެން ބަޔަކަށް ކުއްޔަށް ނުވަތަ އެހެން ގޮތަކަށް ވެސް ދިނުން މަޑުޖައްސައިލަން ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބަޑި އާއި ގޮވާތަކެތި ފެނުނު ހިބަޅިދޫ އަކީ އޭރު ބިޒްނާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި އޮތް ރަށެކެވެ. އެކަމަކު އެރަށުގެ އެއްބަސްވުން ސަރުކާރުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ހިބަޅިދޫ އެހެން ބަޔަކަށް ދިނުން ހުއްޓުވުމަށް އަމުރު ނެރެވެން ނެތް ކަމަށް ކޯޓުން ނިންމީ، އެ ރަށް ބިޒްނާސް މޯލްޑިވްސް އިން އަތުން އަތުލި މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހަޅައި، މައްސަލަ ނިމެންދެން އެހެން ބަޔަކަށް ރަށް ދޫކުރުން ހުއްޓުވަން އަމުރެއް ނެރެދިނުމަށް އެ ކުންފުނިން ކޯޓުގައި އެދުމުންނެވެ.

ކޯޓުގެ ނިންމުމުގައި ވަނީ މައްސަލައިގެ މައުޟޫއަށް އަސަރު ކުރާ ފަދަ ގޮތަކަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ނޯންނާނެ ކަމަށާއި އެގޮތަށް އަމުރު ނެރެފި ނަމަ އެކަން ވާނީ ހުކުމުގެ ކުރިން، މައްސަލައިގެ މައުޟޫއަށް ދާއިމީކޮށް ހިމާޔަތް ހޯދައި ދިނުން ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެގެން ބިޒްނާސް ކުންފުންޏަށް ގާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑުކޮށް ފެންނަން ނެތް ކަމަށް ނިންމުމުގައިވެ އެވެ.

ބިޒްނާސް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް މީހެއް ކަމަށްވާ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބޮޑު ޚިޔާނާތުގެ ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް(މޮހޯ) ގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ. އެ ކުންފުންޏަށް ހިބަޅިދޫ ދޫކުރީ އައްލާމްގެ ހިއްސާ އެ ކުންފުނީގައި އޮތް ދުވަސްވަރު އެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި އަދީބާއި އައްލާމާއި އިތުރު ބަޔަކަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެކަމަކު އައްލާމް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭތީ އޭނާގެ ބައި ކުރިއަކަށް ނުގެންދެވެ އެވެ.