ޔަހޫދީންނަށް ގެދޮރު އަޅައިދިނުން އެމެރިކާ އިން ކުށްވެރިކޮށްފި
ޔަހޫދީންނަށް ގެދޮރު އަޅައިދިނުން އެމެރިކާ އިން ކުށްވެރިކޮށްފި

ވޮޝިންޓަން (އޮކްޓޯބަރު 6) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް އިޒްރޭލު ސަރުކާރުން ހިންގާ އާ މަޝްރޫއު އެމެރިކާ އިން ކުށްވެރިކޮށްފި އެވެ.

ވައިޓްހައުސް އާއި ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޔަހޫދީންނަށް އިތުރު 300 ގެ އެޅުމާއި ހުޅަނގު އައްސޭރީގައި ސިނާއީ ސަރަހައްދެއް ހެދުމަކީ އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާނެ ކަމެއް ކަމަށެވެ.

އިޒްރޭލް ސަރުކާރުން ބުނެފައި ވަނީ ޔަހޫދީންނަށް އަލަށް ގެ އަޅައިދެނީ ކުރިން ވެސް ޔަހޫދީންގެ ގެތައް ހުރި ސަރަހައްދުގައި ކަމަށެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް އިޒްރޭލުން 1967 ވަނަ އަހަރު ވެރިވެގަތް ފަހުން އިޒްރޭލުން ވަނީ 570،000 އަށް ވުރެ ގިނަ ޔަހޫދީން އާބާދު ކުރުވައިފަ އެވެ. ޔަހޫދީންނަށް ގެ އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެކެވެ. އެކަމަކު އިޒްރޭލުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

"އިޒްރޭލުން ޔަހޫދީންނަށް އަލަށް ގެ ދޮރު އަޅައިދިނުމަކީ ދެ ދައުލަތް ގާއިމް ކުރުމަށް ދެކެމުންދާ ހުވަފެންތަކަށް އެޅިގެންދާނެ ހުރަހެއް،" ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވީ ޔަހޫދީންގެ އާބާދީ އިތުރު ކުރުމަށް ގެ އެޅުމަކީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ދާއިމަށް ވެރިވެގަނެގެން ތިބުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރުން ކަމަށާއި އެއީ ސުލްހަ ހޯދަން ބޭނުންވާ ކަމަށް އިޒްރޭލުން ބުނާ ބުނުމަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސް އަކީ ވެރި ރަށް ކަމަށް ކަނޑައަޅާ ވަކި މިނިވަން ދައުލަތެއް ގާއިމް ކުރުމަށެވެ.