ރޯދަ އަށް ފުލުހުންނަށް 3 މިލިއަން ރުފިޔާގެ ހަދިޔާ ބަހާލަނީ
ރޯދަ އަށް ފުލުހުންނަށް 3 މިލިއަން ރުފިޔާގެ ހަދިޔާ ބަހާލަނީ

ރޯދަ ހަދިޔާގެ ގޮތުގައި ފުލުހުންނަށް ތިން މިލިއަން ރުފިޔާގެ ތަކެތި ބަހަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ވެލްފެއާ ކުންފުނި، ޕޮލްކޯއިން އިސްކަންދަރުކޮށީގައި ހެދި ރެސްޓޯރެންޓް "ޕޮލާޓޭ" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަަނަރު ވިދާޅުވީ ރޯދަ ހަދިޔާ ކޮންމެ ފުލުހަކަށް ވެސް ހަމަހަމަ އުސޫލުން ބަހަން ނިންމާފައިވާ ކަމަށެވެ. އަދި ޕޮލްކޯގެ ހިއްސާދާރުންނަށް، ހިއްސާއަކަށް 34ރ.ގެ މަގުން އެ ފައިސާ ވެސް ރޯދަމަހާ ގުޅުވައިގެން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ފުލުހުންނަށް ހަދިޔާ ދެނީ ޕޮލްކޯ އިން ކަމަށެވެ. އަދި އޭގެ ތެރެއިން ރޯދަ އަށް ބޭނުންވާ ބައެއް ތަކެތި ދޭން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޕޮލިސް ވެލްފެއާ ފަންޑް ވެސް ރަސްމީ ކޮށް އިފްތިތާހުކޮށްފައި ވެ އެވެ. އެ ފަންޑަށް ޕޮލްކޯގެ ފަރާތުން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްދެއްވައިފަ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބައެއް ރަށްރަށުގެ ކައުންސިލުން ވެސް އަންނަނީ ރައްޔިތުންނަށް ހަދިޔާ ގެ ގޮތުގައި ތަފާތު ތަކެތި ދެމުންނެވެ.