ބޮނޫޗީ އަށް 60 މިލިއަން ހުށަހަޅަން ޗެލްސީ ވައުދުވެއްޖެ
ބޮނޫޗީ އަށް 60 މިލިއަން ހުށަހަޅަން ޗެލްސީ ވައުދުވެއްޖެ

ލަންޑަން (އޮކްޓޯބަރު 6) - ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ގަތުމަށް ޗެލްސީން ޖެނުއަރީ މަހު 60 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އެ ކްލަބުން ވައުދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން ވަނީ ސީޒަން ފެށުމުގެ ކުރިން ވެސް ބޮނޫޗީގެ އިތުރުން އެވަޓަންގެ ޖޯން ސްޓޯންސް އާއި އޭސީ މިލާނުގެ އަލެސިއޯ ރޮމަނޮލީ އަދި ނަޕޯލީގެ ކަލިޑޫ ކޫލިބަލީ ގެންނަން މަސައްކަތްކޮށްފަ އެވެ. މީގެ ތެރެއިން ކޫލިބަލީ ގަތުމަށް ޗެލްސީން 58 މިލިއަން ޔޫރޯ ހުށަހެޅިކަމަށް ނަޕޯލީގެ ރައީސް އޯރެލިއޯ ޑި ލޯރެންޓިސް ވަނީ ވިދާޅުވެފަ އެވެ.

އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ނުލިބި އަދި ޑިފެންސް ވަރަށް ބޮޑަށް ދަށްވެފައިވާތީ ޗެލްސީއަށް ވަނީ ކޮންމެ ގޮތަކުން ވެސް ޖެނުއަރީ މަހު އާ ޑިފެންޑަރެއް ހޯދަން މަޖުބޫރުވެފަ އެވެ.

ބޮނޫޗީ ގަތުމަށް މެންޗެސްޓާ ސިޓީން ވެސް ބޭނުންވާއިރު ޔުވެންޓަސް އިން ވަނީ އޭނާ ވިއްކާނުލާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ހާއްސަކޮށް އެ ޓީމުގެ އަންދްރޭ ބަރްޒާލީ ރިޓަޔާމަންޓާ ގާތްވެފައިވާއިރު، ޓީމުގައި ހުރި ޒުވާން ޑިފެންޑަރު ވިއްކާލަން އެ ކްލަބުން ބޭނުމެއް ނުވެ އެވެ.

އުމުރުން 29 އަހަރުގެ ބޮނޫޗީ އަކީ ހަތަރު ޑިފެންޑަރުން އަދި ތިން ޑިފެންޑަރުންގެ ފޯމޭޝަނަށް ވެސް މޮޅަށް ކުޅޭ އަދި ބޯލް ސްކިލްސް ފުރިހަމަ، އަދި ދިގު ބޯޅަތައް ބޭނުންކޮށްގެން އެޓޭކްތައް އުފައްދަން ވެސް އެފަދަ ދެ ވަނަ އެއް ނެތް ކުޅުންތެރިއެކެވެ.

މިހާތަނަށް ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ޑިފެންޑަރަކީ ޗެލްސީން 50 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވި ޑޭވިޑް ލުއިޒެވެ. އެކަމަކު ޗެލްސީން ވަނީ މި ސީޒަނުގައި 30 މިލިއަނަށް އޭނާ އަނބުރާ ގެނެސްފަ އެވެ.