05 އޮކްޓޯބަރ 2016 - 20:17

ތަރައްގީގެ ކަންކަމުގައި ހުރިހާ ރައްޔިތުން ބައިވެރިކުރެވޭނީ މުޖުތަމައުގެ ތެރޭން ދިމާވާ ހުރަސްތައް ނައްތާލެވިގެން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ތަރައްގީއާ ބެހޭ އދ.ގެ ޖަމިއްޔާ ޔޫއެންޑީޕީ އަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ވިދާޅުވީ އެ ޖަމިއްޔާގެ ދިގު ދަތުރުގައި ހުރިހާ ގޮތަކުން ވެސް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ތަރައްގީ އާއި ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ޔޫއެންޑީޕީގެ ފަރާތުން ގިނަ ފިލާވަޅުތަކެއް ލިބިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެކަމަކު ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް އަދިިވެސް އިތުރު ސިޔާސަތުތައް ހަދަން ޖެހޭ ކަމަށް ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެންްމެ ރައްޔިތަކު ވެސް ބާކީ ނުވާނެ ގޮތަކަށް ކަންކަން ރޭވުމެވެ. އެ ގޮތަށް އަމަލު ކުރުމުގައި މުޖުތަމައުގެ ތެރޭން ދިމާވާ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު، އެއީ ކޮން ހުރަސްތަކެއް ކަމެއް ނައިބު ރައީސް ވިދާޅެއް ނުވެ އެވެ.
ޔޫއެންޑީޕީން ރާއްޖެ އަށް ކޮށްދީފައިވާ ކަންކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީ ރާއްޖެ އަށް ގެނައުމުގައި އެ ޖަމިއްޔާ އިން ސަރުކާރާއި މިނިސްޓްރީތަކާ އެކު ވަރަށް ކައިރިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފޮނި ނަތީޖާ މިހާރު ފެންނަން އެބަހުރި ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ޔޫއެންޑީޕީ އާއި ސަރުކާރާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން، ސާސްކަފުގެ އަށް ލަނޑުދަނޑީގެ ތެރެއިން ފަސް ކަންތައް މި ވަނީ ހާސިލް ކުރެވިފައި. ... އެ ޖަމިއްޔާ އިން ވަނީ މާލީ އެހީގެ އިތުރުން މި ކަންކަން ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ފޯރުކޮށްދީފައި،" ޖިހާދު ވިދާޅުވި އެވެ.
ޔޫއެންޑީޕީން ރާއްޖޭގައި މިހާތަނަށް ހޭދަކޮށްފައިވާ ދުވަސްތަކަށް އަލި އަޅުއްވާލައްވައި އެ ޖަމިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޮކޯ ނޯޑާ ވިދާޅުވީ އެއީ ވަރަށް ޝައުގުވެރި އެކަމަކު ބައެއް ފަހަރަށް ދަތިތަކާ ކުރިމަތިވި ދަތުރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ޔޫއެންޑީޕީން އެންމެ ފުރަތަމަ އެކުލަވާލި ރިޕޯޓުގައި ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވޭނެ ވަސީލަތްތައް ނެތް ކަމާއި ހޮޓާ ފަދަ ތަންތަން ނެތް ކަމާއި އެ ދާއިރާ އިން އިންވެސްޓް ނުކުރެވޭނެކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ޒުވާން ވިޔަފާރިވެރިންނަށް އެ ދާއިރާ އިން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ނޯޑާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަށް އެކި ގޮތް ގޮތުން ތަރައްގީ ގެނައުމަށް ގިނަ މަސައްކަތްތަކެއް އެ ޖަމިއްޔާ އިން ކޮށްފައި ވާއިރު، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެ ގޮތުން، ޔޫއެންޑީޕީން ރާއްޖޭގައި މަސައްކަތް ފެށިއިރު މިއީ ދުނިޔޭގައި އޮތް އެންމެ ފަގީރު 20 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި އެކަމަކު މިހާރު ކުރިއަރަމުން އަންނަ ގައުމަކަށް ރާއްޖެ ވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި އުޅޭ ފަގީރުންގެ ނިސްބަތް ވެސް ވޭތުވެ ދިޔަ 19 އަހަރުގެ ތެރޭގައި 40 ޕަސެންޓުން 15 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ.
ނޯޑާ ވިދާޅުވީ ޔޫއެންޑީޕީން ރަށްރަށަށް ދަތުރުކޮށް، އަންހެނުން ބާރުވެރިކުރުމާއި ތައުލީމު ދިނުމާއި ދަނޑުވެރިކަން ކުރުމާއި ރަނގަޅު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން ބަނދަރު ހެދުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި ޑިިމޮކްރަސީ އަށް އަމަލު ކުރަން ފެށުމާ އެކު އެ ކަމަށް ހޭލުންތެރިކުރުމަށް ވެސް އެ ޖަމިއްޔާ އިން މަސައްކަތްކޮށް ދީ، ގާނޫނުއަސާސީ އެކުލަވާލުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް ނޯޑާ ވިދާޅުވި އެވެ.
".. ކުރިއަށް އޮތް ތަނުގައި ވެސް މި ގޮތުގައި ތިބޭނަން،" ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.