05 އޮކްޓޯބަރ 2016 - 17:00

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ބެހި، ކަންކަން ކުރަންވީ ގޮތް ސަރުކާރުން ކިޔައިދޭން ނުޖެހޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގައި އެ ޕާޓީން މިހެން ބުނީ ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ޕާޓީގެ ކައުންސިލުން ކަނޑައަޅައި ފޮނުވުމަށް ރައީސް އޮފީހުން އެންގުމުންނެވެ.
އަދާލަތު ޕާޓީން ބުނީ ރައީސް އޮފީހުގެ އެ ސިޓީ އަކީ މަޝްވަރާ ފެށުމަށް ކުރިމަތިކުރިވި ޝަރުތެއް ކަމަށް ދެކޭ ކަމަށެވެ. މަޝްވަރާގެ ކުރިއަށް އެކި ނަން ނަމުގައި މިފަދަ ޝަރުތުތައް ކުރިމަތިކުރުމަކީ މަޝްވަރާ ފެށުމުގެ ކުރިން އެކަން ފޭލްވެދާނެ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
މަޝްވަރާ ފަށަން ކޮމަންވެލްތުން ގޮވާލާފައިވާ ގޮވާލުމަށް އިތުރު ޝަރުތުތައް ކުރިމަތި ނުކޮށް އިހްތިރާމްކުރަން ވެސް އަދާލަތުން ސިޓީގައި އެދިފައިވެ އެވެ.
އެ ޕާޓީން ބުނީ މަޝްވަރާ ފެށުމުގެ ކުރިއަށް ކަންކަން ކުރަން ޝަރުތުކުރުމަކީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ރައްޔިތުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ސުވާލު އުފެއްދުމަށް ޖާގަ ލިބޭނެ ކަމެއް ކަމަށެވެ. ޕާޓީތަކުގެ އެތެރޭގެ ހިންގުމާ ގުޅޭ ކަމެއްގައި ޝަރުތު ކުރިމަތިކޮށްފައި ވާއިރު، މި ގޮތަށް ޕާޓީތަކާ ބެހުމަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހީނަރުވެގެންދާނެ ކަމެއް ކަމަށް ވެސް ސިޓީގައިވެ އެވެ.
މަޝްވަރާ ކުރިއަށް ގެންދަން އދ.ގެ އެހީތެރިކަމަށް އަދާލަތުން އެދިފައިވާ ކަމަށާއި އެ އެދުމަށް ޖަވާބެއް ލިބުނުހާ އަވަހަކަށް އެ ޕާޓީން މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅާނެ ކަމަށް ވެސް އަދާލަތުން ވަނީ ބުނެފަ އެވެ.
މަޝްވަރާގެ މަންދޫބުންގެ ނަން ފޮނުވަން ސިޔާސީ ޕާޓީތަކަށް ފުރަތަމަ ފޮނުވި ސިޓީގައި ކައުންސިލުން ފާސްކޮށްގެން ނަން ހުށަހަޅަން އަންގާފައެއް ނުވެ އެވެ. ދެ ވަނަ ސިޓީއަކުން އެކަން އެންގީ، ޕީޕީއެމުން ބައިވެރިވާނެ މަންދޫބެއްގެ ގޮތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަން ފޮނުވުމުން ކަމަށް އެ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުން ވެސް ތުހުމަތު ކުރެ އެވެ.
ރައީސް އޮފީހުން އަންގާފައި ވިއަސް ކައުންސިލުން މަންދޫބުން ކަނޑައެޅެން ނެތް ކަމަށް ޕީޕީއެމުން ވަނީ އަންގައިފަ އެވެ. އެއީ، ކޯޓުގައި ކުރިއަށްދާ ޕާޓީގެ އެތެރޭގެ މައްސަލައަކާ ހެދި ކައުންސިލް ބޭއްވެން ނެތިގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.