05 އޮކްޓޯބަރ 2016 - 16:28

ބޮގޯޓާ (އޮކްޓޯބަރު 5) - ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ދާޚިލީ ހަނގުރާމަ ހުއްޓާލާ ކޮލަމްބިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ފާކްއާ ސުލްހަވާން ބޭނުންތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް އެ ގައުމުގެ ރައްޔިތުން ފުރަގަސް ދިނުމުން ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ފާކްއާ ސުލްހަވުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ. އެންމެ ފަހުން ސަރުކާރާ އެކު މިދިޔަ މަހު 26 ގައި ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމަށް އަމަލީ ސިފަ ގެނެވޭނީ ކޮލަމްބިއާގެ ރައްޔިތުން ރުހުން ދިނުމުންނެވެ. އެކަމަކު 52 އަހަރުވީ ހަނގުރާމަ ނިންމާލާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފާކް އަށް ދޭން ކޮލަމްބިއާގެ އަޣުލަބިއްޔަތު ބޭނުމެއް ނުވި އެވެ.

ފާކްއާ ސުލްހަވާން ބޭނުން ނުވާ ކަމަށް ކޮލަމްބިއާގެ 50.2 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. މިހާ ހަނި އަޣުލަބިއްޔަތުން ނަމަވެސް ފާކްއާ ދެކޮޅު ހެދުމުގެ ސަބަބުތަކެއްވެ އެވެ.

ފާކް ނުވަތަ ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ 1964 ވަނަ އަހަރު އުފެއްދި ފަހުން ކޮލަމްބިއާގައި އެ ޖަމާއަތުން ވަނީ ލޭހޮރުވުން ބޮޑު ހަނގުރާމައެއް ކޮށްފަ އެވެ. މިއީ ވެސްޓަން ހެމިސްފިއާގައި ހިންގި އެންމެ ގިނަ ދުވަސްވީ ހަނގުރާމަ ވެސް ވެ އެވެ. ފާކް އުފެއްދުމަށް ފަހު އެ ޖަމާއަތުން އާމްދަނީ ހޯދަމުން ދިޔައީ ޑްރަގު ވިއްކައިގެންނެވެ. ކޮލަމްބިއާ ސިފައިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ޕޮލިސް ސްޓޭޝަންތަކާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ މަތިންދާ ބޯޓުތައް ހައިޖެކްކޮށް، ޖާނުންފިދާވުމުގެ ހަމަލާތައް ދީފައިވެ އެވެ. ތެޔޮ ހޮޅިތަކާއި ބްރިޖްތައް އަދި އިޖްތިމާއީ ކްލަބުތަކަށް ބޮން އަޅާ އެ ތަންތަން ހަލާކުކޮށްފައިވެ އެވެ. މި ހަމަލާތަކުގެ ޝިކާރައަކަށް ވެފައި ވަނީ ކޮލަމްބިއާގެ އާއްމު ރައްޔިތުންނެވެ. ދާޚިލީ ހަނގުރާމައިގައި ވަނީ 220،000 މީހުން މަރުވެފަ އެވެ. ފާކުގެ މައިންތަކުގައި ޖެހިގެން އެތައް ހާސް ބަޔަކު ވަނީ ނުކުޅެދޭ މީހުންނަށްވެފަ އެވެ.
ފާކް ބަލިކުރުމަށް އެމެރިކާ އިން ވަނީ 2000 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާ އަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ފާކުގެ އިސް ލީޑަރުން ނެތި ގޮސް އެ ޖަމާއަތް ވަނީ ފަހުން ބަލިކަށިވެފަ އެވެ. ފާކުގެ މެންބަރުންގެ ގޮތުގައި 2002 ވަނަ އަހަރު 20،000 މީހުން ތިބި ނަމަވެސް މިހާރުގެ އެސްޓިމޭޓަކީ 6،000 އާއި 7،000 އާ ދެމެދުގެ އަދަދެކެވެ.
ކޮލަމްބިއާ ސަރުކާރާ އެކު ސިއްރު މަޝްވަރާތަކެއް ކުރަން 2010 ވަނަ އަހަރު ފާކުން ފެށީ އެ ޖަމާއަތަށް އެހެން ގޮތެއް ނެތިގެން ކަމަށް ތަޖްރިކާރުން ބުނެ އެވެ. ރަސްމީ މަޝްވަރާތައް 2012 ވަނަ އަހަރު ފަށާ އެންމެ ފަހުން ސެޕްޓެމްބަރު 26 ގައި ގާއިމްކުރި 297 ސަފުހާގެ އެއްބަސްވުގައިވާ ގޮތުން ފާކުގެ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓާ އދ.ގެ އިންސްޕެކްޓަރުންނާ ހަތިޔާރުތައް ހަވާލު ކުރަން ޖެހެ އެވެ. އަދި ފާކް އަށް ސިޔާސީ ޕާޓީއެއްގެ ދަރަޖަ ދީ 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ކޮންގްރެސްގެ 10 ގޮނޑި އެ ޖަމާއަތަށް ދޭން ޖެހެ އެވެ.
އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ދަށުން ފާކުގެ ހަނގުރާމަ ވެރިން ކުށަށް އިއުތިރާފްވުމުން އެ މީހުން ޖަލުން ސަލާމަތްވާން ފުރުސަތު ލިބެ އެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި އެ މީހުންނަށް ޖެހޭނީ މައިން ނަގާ ސާފުކޮށް ހަލާކުކޮށްފައިވާ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުން ފަދަ ކަންކަމެވެ.
އެކަމަކު ގައުމުގައި ބައިގަރުނަށް ވުރެ ގިނަ ދުވަހު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ބަޔަކަށް މައާފްދީ ލުއި ގޮތްތަކެއް ހެދުމަށް ކޮލަމްބިއާގެ ރައްޔިތުން ބޭނުމެއް ނުވެ އެވެ. ފާކްއާ ސުލްހަވާން ދެކޮޅު ހެދި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އަލްވާރޯ އުރައިބް ވެސް ހިމެނެ އެވެ. އަލްވާރޯ ވިދާޅުވީ ފާކްއާ ސުލްހަވާން ދެކޮޅު ނަހަދާ ކަމަށާއި އެކަމަކު މުޖްރިމުންނަށް ދީފައިވާ ލުއިތައް މާބޮޑު ކަމަށެވެ. އަދި އަނެއް ބަޔަކު ގަބޫލްކުރާ ގޮތުގައި ގައުމުގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފާކް އަށް ދީފި ނަމަ ވެނެޒުއެލާ އާއި ކިއުބާ ފަދަ ގައުމުތައް ގޮތަށް ވާތު ފިޔައިގެ ސިޔާސަތަށް ގައުމު ފުރޮޅިގެން ހިނގައިދާނެ އެވެ. މި ހުރިހާ ކަމަކާ ގުޅިގެން ފާކްއާ މެދު ދެކޭ ގޮތް ކޮލަމްބިއާގެ ރައްޔިތުންގެ ވޯޓުން އެވަނީ ދައްކުވައިދީފަ އެވެ.