31 މެއި 2016 - 09:52

ނިއު ޔޯކް (މޭ 31) - ޔޫރޯގައި ވާދަކުރާ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިން ނަމަވެސް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މެދު އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށް މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.
ޕިރްލޯ ވަނީ އިޓަލީ އެންމެ ފަހުން ވާދަކުރި 12 މުބާރާތުގައި ކުޅެފަ އެވެ. އޭގެ ތެރޭގައި 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ހޯދި ޓީމު ހިމެނެ އެވެ.
އެމެރިކާގެ ނިއު ޔޯކް ސިޓީ އެފްސީ އަށް ކުޅެމުން އަންނަ ޕިރްލޯ ސްކޮޑަށް ނުނެގީ އެމެރިކާގައި ކުޅޭތީ ކަމުގެ އިޝާރާތެއް ކޮންޓޭ ވަނީ ދީފަ އެވެ. އެކަމަކު ޕިރްލޯ ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
"އަހަރެން ކޯޗާ ވާހަކަދެއްކިން. އަހަންނަށް އެނގޭ އަހަރެން ކުރަން ޖެހޭ ކަންކަން އަދި އަދި ކޯޗު ކުރަން ޖެހޭ ކަންކަން. އެއްވެސް ހިތްހަމަނުޖެހުމެއް ނެތް. ކޮންޓޭ އަކީ ކޯޗު. އޭނާ ނިންމާނީ އޭނާ އަށް ފެންނަ އެންމެ ރަނގަޅު ގޮތެއް،" ޕިރްލޯ ބުންޏެވެ.
ޕިރްލޯ ބުނީ ޔޫރޯ އިޓަލީ ކާމިޔާބުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެކަމަކު ޖަރުމަނާއި ސްޕެއިން އަދި ފްރާންސް ފަދަ ޓީމުތައް ވަރަށް ވަރުގަދަކަމަށެވެ.
"ވަރަށް ވާދަވެރި ބޮޑު މުބާރާތެއް މިއީ. އުއްމީދުކުރަން ތަށި ގެންނާނެ ކަމަށް،" ޕިރްލޯ ބުންޏެވެ.