ތިމާވެށި އެއްބަސްވުން ތަސްދީގު ކުރަން ޔޫރަޕުން ނިންމައިފި
ތިމާވެށި އެއްބަސްވުން ތަސްދީގު ކުރަން ޔޫރަޕުން ނިންމައިފި

ބްރެސަލްސް (އޮކްޓޯބަރު 5) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން ތަސްދީގު ކުރުމަށް ޔޫރަޕިއަން ޕާލަމެންޓުން ނިންމައިފި އެވެ.

ޕެރިހުގެ ތިމާވެށި އެއްބަސްވުން ތަސްދީގު ކުރަން ޔޫރަޕިއަން ޕާލަމެންޓުގައި 610 ވޯޓު ލިބިފައިވެ އެވެ. ދެކޮޅަށް 38 ވޯޓު ދިން އިރު ވަކިކޮޅަކަށް 31 މެންބަރުން ވޯޓެއް ނުދެ އެވެ.

ޔޫރަޕިއަން ޕާލަމެންޓުގައި ވޯޓު ނެގި ޖަލްސާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޔޫރަޕިއަން ޕާލަމެންޓުގެ ނިންމުމާ ގުޅިގެން ވަކިވަކި ގައުމުތަކުގެ ވަޒީރުންނަށް ތިމާވެށި އެއްބަސްވުން ދެން ތަސްދީގު ކުރެވޭނެ އެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.

ޕެރިސް އެއްބަސްވުމަށް އަމަލު ކުރެވޭނީ 55 ގައުމުން މި އެއްބަސްވުން ތަސްދީގު ކުރުމުންނެވެ. އަދި އެ ގައުމުތަކަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 55 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކަށް ވެސް ވާން ޖެހެ އެވެ. ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާ ކުރާ ޗައިނާ އާއި އެމެރިކާ އިން ވެސް ވަނީ ޕެރިސް އެއްބަސްވުން މިދިޔަ މަހު ކުރީކޮޅު ތަސްދީގުކޮށްފަ އެވެ. ޕެރިސް އެއްބަސްވުން ޗައިނާ އިން ތަސްދީގު ކުރުމުގެ ކުރިން މި އެއްބަސްވުން ތަސްދީގު ކޮށްފައި ވަނީ 23 ގައުމަކުންނެވެ. މި ގައުމުތައް ހިއްސާ ކުރަނީ ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެންމެ އެއް ޕަސެންޓެވެ.

"ޔޫރަޕިއަން ޕާލަމެންޓުގެ ނިންމުމާ ގުޅިގެން ތިމާވެށި އެއްބަސްވުމަށް އަމަލު ކުރުން ލާޒިމްކުރާ 55 ޕަސެންޓުގެ މިންގަނޑާ ހަމައަށް ވަރަށް އަވަހަށް ދެވޭނެ،" ބާންކީ މޫން ވިދާޅުވި އެވެ.

ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 4.5 ޕަސެންޓް ހިއްސާކުރާ އިންޑިއާ އިން ވަނީ މި މަހު ދެ ވަނަ ދުވަހު ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފަ އެވެ. އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާނދީގެ އުފަން ދުވަހު ތަސްދީގު ކުރި އެއްބަސްވުމުގައިވާ ގޮތުން އިންޑިއާގައި އުފައްދާ ކަރަންޓުގެ 40 ޕަސެންޓަކީ ފޮސިލް ފިއުލް ނޫން ވަސީލްތަކުން އުފައްދާ ކަރަންޓަށް 2030 ވަނަ އަހަރާ ހަމައަށް ދާއިރު ހަދަން ޖެހެ އެވެ.