05 އޮކްޓޯބަރ 2016 - 13:20

ޕްރާގް، ޗެކް ރިޕަބްލިކް (އޮކްޓޯބަރު 5) - އަންހެން އެސިސްޓަންޓް ރެފްރީއަކަށް މަލާމާތްކުރި، ޗެކް ރިޕަބްލިކުގެ ސްޕާޓާ ޕްރާގުގެ ދެ ކުޅުންތެރިޔަކު އަންހެން ޓީމާ އެކު ފަރިތަކުރަން ކްލަބުން އަންގައިފި އެވެ.
ސްޕާޓާގެ ގޯލްކީޕަރު ތޯމަސް ކޫބެކް އާއި މިޑްފީލްޑަރު ލޫކަސް ވާޚާ ހިތްހަމަނުޖެހުނީ ޗެކް ރިޕަބްލިކް ލީގުގައި އާދީއްތަ ދުވަހު ޕްރާގާ އާއި ބްރުނޯ 3-3 އިން އެއްވަރުވި މެޗުގެ އަންހެން އެސިސްޓަންޓް ރެފްރީ، އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު އޮފްސައިޑް ވުމުން ދިދަ ނުނެގުމުންނެވެ.
މެޗަށް ފަހު ކޫބެކް ބުނީ އަންހެނުން ތިބެން ޖެހޭނީ ބަދިގޭގައި ކަމަށާއި ފިރިހެނުންގެ ފުޓްބޯޅަ މެޗެއްގެ އޮފިޝަލްކަން އަންހެނަކު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވާޚާ ވަނީ ކޫބެކްގެ ވާހަކައަށް ތާއީދުކޮށް ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.
ސްޕާޓާގެ ޗީފް އެގްޒެކެޓިވް އެޑަމް ކޮޓަލިޗް ވިދާޅުވީ ކުޅުންތެރިންގެ ފާޅުކުރި ހިޔާލަކީ ގަބޫލުކުރެވޭނެ ހިޔާލެއް ނޫން ކަމަށާއި އަންހެނުންގެ ބޭނުން ހިފޭނީ ހަމައެކަނި ބަދިގޭގައި ނޫން ކަން އެ ދެ ކުޅުންތެރިންނަށް ދައްކައިދޭނެ ކަމަށެވެ.
ސްޕާޓާގެ އަންހެން ޓީމުގެ ކެޕްޓަން އިވާ މޮކޯވާ ބުނީ އެ ދެ ކުޅުންތެރިން އަންހެން ޓީމާ އެކު ޕްރެކްޓިސްކުރާތަން ދެކެން ކެތްމަދުވެފައިވާ ކަމަށެވެ.
ކޫބެކް ފަހުން ވަނީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ފޮޓޯއެއް ފޭސްބުކުގައި ޕޯސްޓްކޮށް ހުރިހާ އަންހެނުންގެ ކިބައިންގެ މައާފަށް އެދިފަ އެވެ. އަދި ވާޚާ ވަނީ އޭނާ އެގޮތަށް ވާހަކަދެއްކީ އެސިސްޓަންޓް ރެފްރީއަށް ހެދުނު ގޯހެއްގެ ސަބަބުން މެޗުގެ ނަތީޖާއަށް އަސަރުކުރުމުން ކަމަށާއި އެއީ ސީދާ އަންހެނުނަށް މަލާމަތްކުރުމުގެ ގޮތުން ކުރި ކޮމެންޓެއް ނޫން ކަމަށް ބުނެފަ އެވެ.