ލަންކާގެ ކުންފުންޏަކުން ހުޅުމާލޭގައި 95 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަނީ
ލަންކާގެ ކުންފުންޏަކުން ހުޅުމާލޭގައި 95 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަނީ

ސްރީ ލަންކާގެ ކުންފުންޏަކުން ހުޅުމާލޭގައި ގާތްގަނޑަކަށް 95 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ)ގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމައިފި އެވެ.

ލަންކާގެ ޑެއިލީ ނިއުސްގައި ބުނީ "ކޮރަލް ޕްރޮޕަޓީ ޑިވެލޮޕާސް" ކިޔާ ކުންފުންޏަކަށް ހުޅުމާލޭގައި "ވައި ކޮރަލް ލަގްޒަރީ އެޕާޓްމަންޓް އެންޑް މޯލް"ގެ ނަމުގައި މަޝްރޫއެއް ހިންގަން ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮރަލް ޕްރޮޕަޓީގެ ޗެއާމަން ޕްރަބާ ސުބްރަމާނިއަން ވިދާޅުވީ އެ ކުންފުންޏަށް ހުޅުމާލޭގައި މިކްސްޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގަން ހަވާލުކޮށްފައިވާ ކަމަށެވެ.

ޕްރޮޖެކްޓް ހިންގަން ކޮރަޕް ޕްރޮޕަޓީއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އަދި ކޮންއިރަކު ކަމެއް އެނގިފައެއްނުވެ އެވެ.

ޑެއިލީ ނިއުސްގައި ބުނެފައި ވަނީ "ކޮރަލް ޕްރޮޕަޓީ ޑިވެލޮޕާސް" އިން ހުޅުމާލޭގައި 14 ބުރީގެ ތިން ޓަވަރު ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މުޅި ހުޅުމާލެ ފެންނަ ގޮތަށް ތިން ޓަވަރުގެ 10 ވަނަ ފްލޯ އާއި 12 ވަނަ ފްލޯ ގުޅުވާލާފައި ހުންނާނެ ކަމަށް ވެސް ޑެއިލީ ނިއުސްގައިވެ އެވެ.

ޑެއިލީ ނިއުސްގައި ބުނެފައި ވަނީ އެއީ ލަންކާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ވާނީ ހުޅުލެ-މާލެ ބްރިޖް މަޝްރޫއު ފިޔަވައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ޑެއިލީ ނިއުސް އިން ބުނީ ކޮރަލް ޕްރޮޕަޓީ އިން ލަންކާގެ ޖަފްނާ އާއި ކޮލަމްބޯގައި ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށެވެ.