06 އޮކްޓޯބަރ 2016 - 06:11

އަށާރަ އަހަރުގެ ފިރިހެންކުއްޖެއްގެ އުނަގަނޑުން ފަޅާފައިވާ 18 ސެންޓިމީޓަރުގެ ދިގު "ނަގުލެއް" އިންޑިއާގެ ނާގްޕޫރުގެ ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއްގެ ނިއުރޯސާޖަނުންގެ ޓީމަކުން ކުރި ކާމިޔާބު އޮޕަރޭޝަނަކަށްފަހު ނަގައިފި އެވެ.
މިއީ މުޅި ދުނިޔެއިން ވެސް މިހާތަނަށް އިންސާނެއްގެ ގައިން ފަޅާފައިވާ ކަމަށް ރެކޯޑްކުރެވިފައިވާ އެންމެ ދިގު ނަގުލެވެ. ކުއްޖާގެ އުނަގަނޑާ ދިމާލުން ނުކުމެފައިވާ މި ނަގޫ ދިގުވަމުން ދިޔަ ވަރަކަށް ކުއްޖާއަށް ތަދުވުން އިތުރުވަމުން ދިއުމުގެ ސަބަބުން އަވަހަށް ނަގޫ އޮޕަރޭޝަން ކުރަން ޖެހުނީ އެވެ.
ނަގޫ ފަޅާފައި އިނީ ކުއްޖާގެ ބުރަކަށި ނިމޭ ހިސާބުން ފުރަގަހުގައި އުނަގަނޑުމަތީގަ އެވެ.
މި އޮޕަރޭޝަންކުރި ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިއުރޯ ސާޖަން ޑރ. ޕްރޮމޯދް ގިރީ އަންގާރަ ދުވަހު އިންޑިއާ ޓައިމްސް އަށް ވިދާޅުވެފައިވާ ގޮތުގައި ކުއްޖާގެ ބުރަކަށީގައި އާދަޔާޚިލާފަށް އެއްޗެއް އުފެދެމުންދާކަން އާއިލާގެ މީހުންނަށް ވެސް އެނގެ އެވެ. ނަމަވެސް މީހުން ދައްކާފާނެ ވާހަކައަކަށާއި ތަފާތު ވަސްވާސްތަކުގެ ސަބަބުން އަޅާނުލައި ތިބީ އެވެ.
މީގެ އިތުރުން ކުއްޖާއަށް މި ނަގޫ އިނަސް ސިއްހީ ގޮތުން އިތުރު މައްސަލައެއް ކުރިމަތިނުވާތީ އަޅާނުލާ ތިބީކަމަށް އާއިލާ އިން ބުނެފައި ވެއެވެ.
މި ނަގުލަކީ ކުއްޖާ އުފަންވިއިރު ވެސް އިން އެއްޗެކެވެ. އަދި އޭނާ ބޮޑުވަމުންދިޔަ ވަރަކަށް ނަގޫވެސް ދިޔައީ ބޮޑުވަމުންނެވެ.
އާއިލާއިންނާއި ކުއްޖާ ވެސް މިކަން ސިއްރުކޮށްގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ތިއްބެވެ. ނަމަވެސް ނަގޫ މާބޮޑަށް ދިގުވުމުން ފޮރުވައިގެން އުޅުމަކީ ވެސް ފަސޭހަކަމަކަށް ވެސް ނުވީ އެވެ.
ހަގީގަތުގައި ކުއްޖާ ވަރަށް ޅަފަތުގައި ޑޮކްޓަރަކަށް ދެއްކުނު ނަމަ މާބޮޑު މައްސަލައެއް ކުރިމަތިނުވެ ޑޮކްޓަރުންނަށް އެ ނަގޫ އޮޕަރޭޝަން ކުރެވުނީސް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ނަގުލުގެ ސައިޒު ބޮޑުވަމުން ދިއުމުގެ ސަބަބުން އޭގެ ތެރޭގައިވާ ކަށިތައް ވެސް އިތުރުވެ ހެދިބޮޑުވެ ކުއްޖާގެ ބުރަކައްޓަށް އޭތި ހެރެން ފެށީ. މިއީ ކުއްޖާއަށް ނަފްސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް ވަރަށް ތަކުލީފު ލިބެމުންދިޔަ ކަމެއް. އެހެންވެ އާއިލާއިން އެދިގެން މިހާރު އޮޕަރޭޝަންކޮށް އެ ވަނީ ކުއްޖާއާ ވަކިކޮށްލާފައި،" ޑރ ގިލް ވިދާޅުވި އެވެ.
ނަގޫ ދިގުވަމުން ދިއުމުގެ ސަބަބުން ކުއްޖާއަށް އިށީނދެ އިނުމަށާއި ނިދާފައި އޮތުމަށް ވެސް ދަތިވާން ފެށި އެވެ. މި އޮޕަރޭޝަން ކުރަން މަޖުބޫރެއް ނޫނެވެ. ސަބަބަކީ އެ ނަގޫ އިނުމަކުން ކުއްޖާގެ ފުރާނައަށް ގެއްލުމެއް ނުވާތީ އެވެ. ނަމަވެސް ކުއްޖާއަށް ނަގުލުގެ ސަބަބުން ވޭނާއި ތުރާ ކުރިމަތިވާތީ ނިއުރޯސާޖަނުން އެ ނަގޫ އޮޕަރޭޝަން ކޮށްދިނީ އެވެ. ކުއްޖާގެ ސްޕައިނަލް ކޯޑާއި ނަގޫ އިނީ ގުޅިފަ އެވެ.
މިއީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ކަމަކަށް ވާތީ މެޑިކަލް ޖާނަލްގައި ވެސް މި ކޭސްގެ ޕްރެޒެންޓޭޝަނެއް ހިމެނުމަށް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.