"ކުޗް ކުޗް ހޯތާ ހޭ" ކަރަން ޖޯހަރަށް މިހާރު ކަމަކުނުދޭ
"ކުޗް ކުޗް ހޯތާ ހޭ" ކަރަން ޖޯހަރަށް މިހާރު ކަމަކުނުދޭ

މަޝްހޫރު ޕްރޮޑިއުސަރު ޑައިރެކްޓަރު ކަރަން ޖޯހަރް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ އާދަޔާޚިލާފު "މޮޔަ" ތީމަކަށް އުފެއްދިފައިވާ ފިލްމެއްކަމަށް ކަރަން ބުނެފި އެވެ. ކަރަން ބުނީ މިހާރު އޭނާ އެ ފިލްމު ބަލާލުމުން އެއީ ވަރަށް ތާކުންތާކު ނުޖެހޭ ފިލްމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ކުޗް ކުޗް ހޯތާ ހޭ" ކަރަން ޖޯހަރަށް މިހާރު ކަމަކުނުދޭ
"ކުޗް ކުޗް ހޯތާ ހޭ" ކަރަން ޖޯހަރަށް މިހާރު ކަމަކުނުދޭ

ޝާހްރުކް ޚާނާއި ކާޖޮލް އަދި ރާނީ މުކަރުޖީ ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމަކީ 1998 ވަނަ އަހަރު ނިކުތް ބްލޮކްބަސްޓާ ފިލްމެކެވެ.

"ކުޗް ކުޗް ހޯތާ ހޭ"ގައި ދައްކަނީ މަންމައަކު (ރާނީ މުކަރުޖީ) މަރުވަމުން އޭނާގެ ދަރިފުޅަށް ލިޔާ ސިޓީތަކެއްގެ ސަބަބުން ކަންތައްތައް ވަމުންދާ ގޮތެވެ. އެ ސިޓީތަކުގައި އޭނާ ލިޔެފައި ވަނީ އެ ކުއްޖާގެ ބައްޕަ (ޝާހްރުކް ޚާން) އާއި ބައްޕަގެ ބެސްޓް ފްރެންޑް (ކާޖޮލް) އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށާއި ބައްޕަ އާއި ބެސްޓް ފްރެންޑް ގުޅުވަން މަސައްކަތް ކޮށްދިނުމަށެވެ.

ކަރަން ބުނީ އޭނާ "ކުޗް ކުޗް ހޯތާ ހޭ" ލިޔުނުއިރު އެންމެ 24 އަހަރު ކަމަށާއި ފިލްމަކީ ވަރަށް މޮޔަ ތީމަކަށް ލިޔެފައިވާ ބުއްދި ގަބޫލުނުކުރެވޭ ޒާތުގެ ފިލްމެއް ކަމަށެވެ.

"ނޭނގެ އެ މަންމަ އޭނާގެ ދަރިފުޅަށް ލިޔުނު އަށް ސިޓީގައި އޮތީ ކޮން ވާހަކަތަކެއް ކަމެއް ވެސް. އަދި އަށް އަހަރުގެ ކުއްޖަކު ކިހިނެއް އެ ސިޓީތައް ކިޔާނީ؟" އަމިއްލައަށް އުފެއްދި ފިލްމަށް ފާޑު ކިޔަމުން ކަރަން ބުނެފައިވެ އެވެ.

"ހަޔާތުގައި ލޯބިވެވޭނީ އެންމެ ފަހަރަކު އެވެ. އަދި ކައިވެނި ކުރެވޭނީ ވެސް އެންމެ ފަހަރަކު އެވެ." މިއީ ފިލްމުގައި ޝާހްރުކްގެ ކެރެކްޓާ ބުނާ ވާހަކަ އެކެވެ. ނަމަވެސް ކަރަން ފާހަގަކުރި ގޮތުގައި އެ ފިލްމުގައި ޝާހްރުކްގެ ކެރެކްޓާ ދެ ފަހަރަށް ދެ މީހަކު ދެކެ ލޯބިވެ ދެ ފަހަރަށް ކައިވެނި ވެސް ކުރެ އެވެ. މިއީ ފިލްމު ހަމަނަޖެހޭ ކަމަށް މިހާރު ކަރަން ބުނާ ބައެއް ސަބަބެވެ.

ކަރަން ބުނި ގޮތުގައި "ކުޗް ކުޗް ހޯތާ ހޭ" ބެލުންތެރިންނަށް އެހާ މަގުބޫލުވީ ފިލްމުގެ ވާހަކަ މާ މޮޅުވެގެނެއް ނޫނެވެ. އެ ޒަމާނުގައި އުފައްދަމުންދިޔަ ގިނަ ފިލްމުތަކާ ތަފާތު އިހްސާސެއް ފިލްމުގައި ވާތީ އެވެ. އަދި ފިލްމުގައި ހަމަނުޖެހޭ ކިތަންމެ ކަމެއް ހުއްޓަސް ކަރަން އެ ވާހަކަތައް ގެނެސްދީފައިވާ ގޮތުން މީހުންނަށް ގަބޫލުކުރަން ފަސޭހަވީ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަންނަށް އޭރު އެންމެ 24 އަހަރު. މިހާރު ލިޔަން އުޅެފިނަމަ އެ ގޮތަކަށް އެ ފިލްމުތަކެއް އަހަންނަކަށް ނުލިޔެވޭނެ. މިހާރު "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ޚުޝީ ކަބީ ޣަމް" ފަދަ ފިލްމުތައް ބަލާލުމުން އަހަރެން އަމިއްލައަށް ވެސް ހިތަށް އަރާ މީ އަހަރެން ކީއްކުރަން ލިޔުނު ވާހަކަތަކެއް ބާއޭ. ކީއްވެ ލިޔުނު އެއްޗެއް ބާއޭ. އަހަރެންގެ ހިތަށް މި ޚިޔާލުތައް އައީ ކޮން ތާކުންބާއޭ،" ކަރަން ބުނެފައިވެ އެވެ.