06 އޮކްޓޯބަރ 2016 - 06:06

ފިލްމީ ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި ސަލްމާން ޚާންގެ ލޯބީގެ ވާހަކަ ނިމުނީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި އެވެ. ދެ މީހުންގެ ލޯތްބަށް ނިމުން އައީ އައިޝްވަރިޔާގެ ފިލްމީ މަސައްކަތަށް ވެސް ބުރޫ އަރަން ފެށުމުންނެވެ.

އަނެއްކޮޅުން އައިޝްވަރިޔާގެ މައިންބަފައިން ވެސް ސަލްމާންގެ ގުޅުމަކާ ނުރުހެ އެވެ. ސަބަބަކީ ސަލްމާންގެ ވިޔާނުދާ ތަފާތު ވާހަކަތައް މީޑިއާގައި އަބަދު ދެކެވެމުން ދާތީ އެވެ.
މި ދެ ތަރިންގެ ލޯބީގެ ވާހަކަ އަކީ އޭރު ފިލްމު އިންޑަސްޓްރީގައި ވެސް އެންމެ ހޫނުކޮށް ދެކެވެމުންދިޔަ ވާހަކަ އެވެ. އަދި ދެ މީހުން ވަކިވި ވާހަކަ ވެސް ހަމަ އެހާ ގަދަޔަށް ދެކެވުނެވެ. ސަބަބަކީ ސަލްމާނާ ރުޅިވިކަން އައިޝްވަރިޔާ އިއުލާންކުރީ މީޑިއާގައި ހާމަކުރި ވަރުގަދަ ސިޓީއަކުން ކަމަށް ވާތީ އެވެ. އެ ސިޓީގައި ސަލްމާނާ އެކު އޮތް ގުޅުން ކަނޑާލި ވާހަކަޔާއި އަދި ދުވަހަކުވެސް އެކުގައި ފިލްމުވެސް ނުކުޅޭނެ ކަމަށް ބުނެފައިވެ އެވެ.
ދާދިފަހުން އޮތް ފިލްމީ ތަރި ޕްރީތީ ޒިންޓާގެ ވެޑިން ރިސެޕްޝަންގައި ވެސް މި ދެ ތަރިން ބައިވެރިވިޔަސް އެކަކު އަނެކަކާ ބައްދަލު ނުވެ ވޭތޯ މަސައްކަތްކުރިކަން ވަނީ ހާމަވެފަ އެވެ. ސަބަބަކީ މިފަދަ ހާލަތްތަކުގައި އެންމެންގެ ތެރޭގައި ދެ މީހުންނަށް ވެސް ލަދު ގަންނަން ޖެހޭތީ އެވެ.
ނަމަވެސް ސަލްމާނާ އޮތް ރުޅިވެރިކަން ނިންމާލަން އައިޝްވަރިޔާ ބޭނުންވެއްޖެ ކަމުގެ އަލާމާތްތަކެއް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ސަލްމާނާ އެކު ފިލްމު ނުކުޅެން އޭނާ ނިންމާފައިވާ ނިންމުން ވެސް ބަދަލުކޮށްފައިވާ ކަމަށްވެ އެވެ.
ދާދިފަހުން އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ޝަރުތަކާ އެކު ސަލްމާނާ އެކު ފިލްމު ކުޅުމަށް އައިޝްވަރިޔާ އެއްބަސް ކަމަށެވެ. އެ ޝަރުތަކީ އެ ދެ މީހުން އެކުގައި ކުޅޭ ފިލްމެއްގެ ސްކްރިޕްޓް އާދަޔާޚިލާފު މޮޅު އެއްޗަކަށް ވުމާއި ޑައިރެކްޓަރު ވެސް މޮޅު މީހަކަށް ވުމެވެ. މިފަދަ ސްކްރިޕްޓަކާއި ޑައިރެކްޓަރެއް ހުރި ނަމަ އައިޝްވަރިޔާ ވެސް ސަލްމާނާ އެކު ފިލްމު ކުޅެން ތައްޔާރެވެ.
މިކަން ކުރެވޭވަރުގެ ޑައިރެކްޓަރުން އެބަތިއްބެވެ. އެކަކީ އައިޝްވަރިޔާ އާއި ސަލްމާން އެކުގައި ކުޅުނު "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އެވެ. މިހާރު ވެސް އާދަޔާޚިލާފު މޮޅު ފިލްމުތައް އުފައްދަމުންދާ ބާންސާލީގެ ފިލްމަކުން މި ދެ ތަރިން އަލުން ފެނުމަކީ އެމީހުންގެ އެތައް ހާސް ފޭނުންނެއްގެ އުންމީދަކަށް ވާނެކަން ޔަގީނެވެ.
ނަމަވެސް މިހާރު އެހެން ހުރަހެއް ކުރިމަތިވެއްޖެ އެވެ. އައިޝްވަރިޔާ ބޭނުންވިޔަސް ސަލްމާން އައިޝްވާރްޔާއާ އެކު ފިލްމު ކުޅެން ބޭނުން ނުވުމެވެ. ސަލްމާންގެ ގާތް މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އައިޝްވަރިޔާ އާއި ސަލްމާނާ ބެހޭ ގޮތުން މީޑިއާގައި ފެތުރުނު ތަފާތު ޚަބަރުތަކަށްފަހު އޭނާއާ އެކު ފިލްމު ކުލެން ސަލްމާން މިހާރު ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަމެއް ޔަގީނެއް ނޫނެވެ. ސަބަބަކީ މިކަމާ ބެހޭ ގޮތުން އައިޝްވަރިޔާ ވެސް އަދި ސަލްމާން ވެސް މީޑިއާގައި ވާހަކަ ދައްކާފައި ނުވާތީ އެވެ.
ސަލްމާން މި ދުވަސްވަރު އުޅެނީ "ޓިއުބްލައިޓް"ގެ މަސައްކަތުގައި މުމްބައީއާ މާ ދުރު ހިސާބެއްގަ އެވެ. އައިޝްވަރިޔާ އުޅެނީ މިމަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "އޭ ދިލް ހެ މުޝްކިލް" ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.