ފަރްހާން އަޚްތަރާ އަޅުވާ ކިޔާތީ ޝްރައްދާ ރުޅިގަދަވެއްޖެ
ފަރްހާން އަޚްތަރާ އަޅުވާ ކިޔާތީ ޝްރައްދާ ރުޅިގަދަވެއްޖެ

ޝްރައްދާ ކަޕޫރުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބި އޭނާގެ ފިލްމީ ކެރިއަރަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ވަނީ ލިބިފަ އެވެ. ފާއިތުވީ ތިން އަހަރު ތެރޭ ނިކުތް ޝްރައްދާގެ ފަސް ފިލްމެއް ބޮކްސް އޮފީހުގައި ސުޕަހިޓް ވެފައިވެ އެވެ. އެއާއެކު އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވެސް އަބަދުވެސް ކޮންމެވެސް ވާހަކަތަކެއް ދެކެވެމުންދެ އެވެ.

ފަރްހާން އަޚްތަރާ އަޅުވާ ކިޔާތީ ޝްރައްދާ ރުޅިގަދަވެއްޖެ
ފަރްހާން އަޚްތަރާ އަޅުވާ ކިޔާތީ ޝްރައްދާ ރުޅިގަދަވެއްޖެ

އެގޮތުން އެންމެ ގިނަ ދުވަހު ދެކެވުނު ވާހަކަ އަކީ "އާޝިގީ 2"ގެ ބަތަލު އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. ނަމަވެސް މިހާރަކަށް އައިސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނަނީ އެކްޓަރު-ޑައިރެކްޓަރު އަދި ޝްރައްދާ މިހާރު ކުޅެމުންދާ "ރޮކް އޮން 2" ގައި އޭނާއާ އެކު ލީޑް ރޯލުކުޅޭ ފަރްހާން އަޚްތަރު އާއި ޝްރައްދާގެ ސިއްރު ލޯބީގެ ގުޅުމެއް އެބައޮތް ކަމަށެވެ.

ފިލްމްފެއާގެ ޖޫން މަހުގެ އަދަދަށް ޝްރައްދާ ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ވަރަށް ރަނގަޅަށް ޖަވާބު ދީފައިވެ އެވެ. އަދި ފަރްހާން އާއި އަދިތުޔާ އާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކި އެވެ.

ފަރްހާންއާ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ޝްރައްދާ ގާތަށް އައީ ރުޅި އެވެ. ރުޅިގަދަވެފައި އިން ޝްރައްދާ ބުނީ ކޮންމެ ފަދަ ވާހަކައެއް ދެއްކުމަށް ވެސް މީހުން ފަސް ނުޖެހޭނެ ކަމަށާއި ހަދަހަދައިގެން ވާހަކަ ދެއްކުމުގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށެވެ. ނޫހުގައި ޖަހާލާނެ ރަނގަޅު ޚަބަރެއް ނެތުމުން ނުވެސް ހިނގާކަމެއް ވީކަމަށް ހަދައިގެން ލިޔެފާނެ ކަމަށެވެ. އެހެން މީހުންނަށާއި އެމީހުންގެ ގާތް މީހުންނަށް އެކަމުން ކުރާނެ އަސަރެއް އެފަދަ ވާހަކަތައް ލިޔާ މީހުން ނުވިސްނާ ކަމަށް ވެސް ޝްރައްދާ ބުންޏެވެ.

ޝްރައްދާއާ އެންމެ ގިނަ ދުވަސްވަންދެން އަޅުވާ ކިޔުނީ އޭނާގެ "އާޝިގީ 2"ގެ ކޯސްޓާ އަދިތުޔާ އާއެވެ. އެގޮތަށް އަޅުވާ ކިޔާތީ އެ ދެ މީހުން މިހާރު އެކުގައި ކުޅޭ "އޯކޭ ޖާނޫ" ކުޅުމަށް އެއްވެސް ވަރަކަށް ދަތިވިތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝްރައްދާ ބުނެފައިވަނީ އެއީ ވެސް މުޅީން ދޮގު ޚަބަރެއް ކަމަށާއި އެ ދެ މީހުން ދުވަހަކުވެސް ރައްޓެހި ނުވާ ކަމަށެވެ. "އާޝިގީ 2" ރިލީޒްވި ދުވަސްވަރު އެމީހުން އުޅުނުލެއް އެކުވެރިކަމުން ރައްޓެހިވީކަމުގެ ޚަބަރުތައް ފެތުރުނީ ކަމަށް ޝްރައްދާ ބުންޏެވެ،

އިންޑިއާގެ ބައެއް ނޫސްތަކުން މިދިޔަ ހަފުތާގައި ބުނެފައިވަނީ ޝްރައްދާގެ އެންމެ ފަހު ފިލްމު "ބާޣީ"ގެ ކާމިޔާބީ ފާހަގަކުރުމަށް ޝްރައްދާ އާއި ޓައިގަ ޝްރޮފްގެ މައިންބަފައިން ބޭއްވި ޕާޓީއެއްގައި ޝްރައްދާ ވަރަށް ގައިގޯޅިކޮށް ފަރުހާން އާއެކު ނެށިތަން ގިނަބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ލޯބީގެ ވާހަކަތައް ދެކެެވެން ފެށުނީ އޭގެ ފަހުން ކަމަށެވެ.ފަރްހާން ވަރަށް ފަހުން ވަނީ އޭނާ 17 އަހަރު ވަންދެން އިނދެގެން އުޅުނު އަނބިމީހާ ވަރިކޮށްފަ އެވެ. އެ ދުވަސްވަރު އެއްބަޔަކު ބުނީ ފަރްހާން އާއި އަންހެނުންނާ މައްސަލަ ޖެހުނީ ފަރްހާންގެ "ވަޒީރު"ގެ ބަތަލާ އަދިތީ ރާއޯ ހައިދްރީ ގުޅުން ބަދަހިވެގެން ކަމަށެވެ. އަދި ފަހުން ފިލްމީ ބަތަލާ ކަލްކީ ކޯޗްލިންއާ ވެސް ފަރުހާން އާ އަޅުވާ ކިއުނެވެ. ޝްރައްދާއާ އެންމެ ކުރިން ވެސް ކޮންމެވެސް ވަރަކަށް އަޅުވީ ކިއެވެ. ނަމަވެސް މި ވާހަކަތައް މާ ގަދަޔަށް ދެކެވެން ފެށީ އެ ޕާޓީގައި ދެ މީހުން ނަށަނިކޮށް ފެނުނު ހިސާބުން ފެށިގެންނެވެ.

ޝްރައްދާ ބުނި ގޮތުގައި އޭނާއަކީ ލޯބިވާ މީހަކަށް ވަރަށް ގިނަ ޑިމާންޑްތައް ކުރާނެ މީހެކެވެ. އެމީހަކާ އަބަދު ވާހަކަ ދައްކާ މެސެޖުކޮށް އަދި ގިނަގިނައިން ބައްދަލުކުރަން ވެސް އޭނާ ބޭނުންވާނެ ކަމަށެވެ.

"އޯކޭ ޖާނޫ"ގެ ޝޫޓިން މިހާރު ނިމިފައިވާތީ ޝްރައްދާ ދެން ފަށާނީ އަރްޖުން ކަޕޫރާއެކު ކުޅޭ "ހާފް ގާލްފްރެންޑް"ގެ ޝޫޓިންގަ އެވެ.