05 އޮކްޓޯބަރ 2016 - 12:11

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެމި ހުންނަން ފުރުސަތު ދީފިނަމަ އަމާޒަކީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުން ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ސްޓެވާޓާ ގައުމީ ޓީމު ހަވާލުކުރީ އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ. ސްޓެވާޓްގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 5-0 އިންނެވެ. އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ފުރަތަމަ ލެގުގައި ލާއޯސް ބަލިކުރީ 4-0 އިންނެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ ލާއޯސްގަ އެވެ.
"އަހަރެން ކޯޗުކަމަށް ގެނައީ މި ދެ މެޗަށް (ލާއޮސް ދެ މެޗަށް). އަދިވެސް އެގޮތަށް އޮތީ. ލާއޮސް އަތުން ފުރަތަމަ ލެގުގައި މޮޅުވެފައި މިއޮތީ. މަސައްކަތުގެ އެއްބައި ނިމިއްޖެ. ދެން އޮތީ އެއްކޮށް ފުރިހަމަކޮށް ކޮލިފައިން ގްރޫޕް ސްޓޭޖަށް ޓީމު ގެންގޮސްދިނުން،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ދާއިމީ ކޮންޓްރެކްޓެއް ހޯދުމަށް ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެފްއޭއެމްއާ މަޝްވަރާކުރާނެ ކަމަށެވެ.
"ދެ ވަނަ ލެގުގެ މެޗަށް ފަހު މުސްތަގުބަލާ ގުޅޭގޮތުން އެފްއޭއެމްއާ ވާހަކަ ދައްކާނަން. ޓީމާ އެކު ކުރިއަށް ދިއުމުގެ ނަސީބު ލިބިއްޖެނަމަ މިއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ފުރުސަތު ނުލިބިއްޖެނަމަ ވެސް ޝަކުވާއެއް ނެތް. އެއީ އަހަރެން އައީ މި ދެ މެޗަށް ކަމަށް ވުމުން،" ސިންގަޕޫރު ލީގުގައި މަސައްކަތްކޮށްފައިވާ ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ޓީމާ އެކު ކުރިއަށްދިއުމުގެ ފުރުސަތު ލިބިއްޖެނަމަ ބޭނުންވަނީ ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައި ކޮށްދިނުން ކަމަށެވެ.
"މި ޓީމުގައި އެބަހުރި އޭޝިއަން ކަޕަށް ދެވޭ ފަދަ ހުނަރު. އަހަރެންނަށް ފުރުސަތު ދީފިނަމަ އެއީ ޓާގެޓަކީ. އޭޝިއަން ކަޕްގައި ވާދަކުރުމަކީ ރާއްޖެ ކަހަލަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް. އޭޝިއާގެ އެންމެ ބޮޑު މުބާރާތުގައި ސަރަހައްދީ ވަރުގަދަ ބާރުތަކާ ދެކޮޅަށް ކުޅުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓަކީ މިދިޔަ ދެ އަހަރު ތެރޭގައި ގައުމީ ޓީމަށް ހަމަޖެއްސި ތިން ވަނަ ކޯޗެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމު ހަވާލުކުރީ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ވެލިޒާ ޕޮޕޯފްއާ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަކިކުރުމަށް ފަހު ދެން ގެނައީ ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ. އޭގެ ފަހުން މި އަހަރުގެ ޖޫން މަހު ހާބަޓް ވަކިކޮށް ސްޓެވާޓާ ޓީމު ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގަ އެވެ.