ޕެރެލައިޒްވި މީހަކު މަސްތުވާތަކެތީގެ މައްސަލާގައި 10 އަހަރަށް ޖަލަށް
ޕެރެލައިޒްވި މީހަކު މަސްތުވާތަކެތީގެ މައްސަލާގައި 10 އަހަރަށް ޖަލަށް

ޑައިވިނަށް ގޮސްގެން އުޅެނިކޮށް، އުނަގަނޑުން ތިރި ވާވެ، ހިނގާބިނގާވެ ނޫޅެވޭ ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ދިހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން، މިދިއަ ސެޕްޓެމްބަރު 26 ގައި، އެ ރަށު އޯޝަންލީޑު އަހުމަދު ސުހައިލް، 27، ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލޭން މަކުނުދުއަށް ދިޔަ ބޯޓަކުން ގެންދިޔަ މަސްތުވާތަކެތި އަޅާފައި ހުރި ދެ ފޮށިގަނޑާ އޭނާ ހަވާލުވުމުންނެވެ.

އެ ފޮށިގަނޑުތައް ހިފައިގެން އޭނާ ދަނިކޮށް ފުލުހުން ހުއްޓުވައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި 103 ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

މަކުނުދޫ ކޯޓުން ބުނިގޮތުގައި ސުުހައިލްގެ މައްޗަށް ހުކުމްކުރީ (ފޮށިގަނޑު ފޮނުވި) މީހާއާ އަކީ ކާކުކަން ޝަރީއަތަށް ސާބިތުކޮށް ނުދެވޭނެ ކަމަށް އޭނާ ކޯޓުގައި ބުނުމާއި ސުހައިލްގެ ބެލުމުގެ ދަށުގައި ހުރި އެއްޗަކާ މެދު ޒިންމާ އުފުލަން ޖެހޭނީ އޭނާ ކަމަށް ވާތީ އެވެ.

ޝަރީއަތަށް ހުށަހެޅި ހެކިތަކާއި ގަރީނާތަކަށް ބަލާއިރު އޭގެ ޒިންމާ އުފުލަން ޖެހޭނީ ސުހައިލް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި ޕެރަލައިޒް ވުމުން އޭނާގެ ފަރުވާ އަށް އެހީ ހޯދަން ސުހައިލް ގެންދިޔައީ ފޭސްބުކްގައި ޕޭޖެއް ހިންގަމުންނެވެ. އޭނާއަށް ގިނަ ފަރާތްތަކަކުން އެހީތެރިކަން ވެސް ފޯރުކޮށްދިނެވެ. ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދިއިރުގެ ފޮޓޯތަކާ އެއްޗެހި ވެސް އެ ޕޭޖްގައި އޭނާ އޭރު ޖަހަމުން ދިޔަ އެވެ.