05 އޮކްޓޯބަރ 2016 - 09:05

ޓިއުރިން (އޮކްޓޯބަރު 5) - ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ޔުވެންޓަސްއާ އެކު ކޮންޓްރެކްޓް އާކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ބުނެފި އެވެ.
ޕަލޭމޯ އިން މިދިޔަ ސީޒަނުގައި ޔުވެންޓަސްއާ ގުޅުނު ޑީބަލާ އަކީ ކުރިމަގުގައި ލިއޮނަލް މެސީގެ ދައުރު އާޖެންޓީނާ ގައުމީ ޓީމުގައި އަދާކުރާނެ ކުޅުންތެރިޔާ ގިނަ ބަޔަކު އެއްބަސްވެ އެވެ. އޭނާ ގެންދަން ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތްކުރެ އެވެ.
"ޔުވެންޓަސްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުމުން އަހަރެން ދަނޑުމަތީގައި އަދި ދަނޑު ބޭރުގައި ވެސް ކުރިއެރުން ލިބުނު ކުޅުންތެރިއެއްގެ ގޮތުގައި. މިއަދު އާޖެންޓީނާ ގައުމީ ޓީމުން ފުރުސަތު ލިބުނީ ވެސް އެހެންވެ،" ޑީބަލާ ބުންޏެވެ.
ޑީބަލާ ބުނީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ އެއް ޓީމަކަށް ކުޅެވޭތީ އުފާވާދައިން މެސީއާ އެކު އާޖެންޓީނާއާ އަށް ކުޅެވޭތީ ވަރަށް އުފާވާ ކަމަށެވެ.
"މެސީއާ އެކު ކުޅެވުން އެއީ ހުވަފެނެއް ސީދާވުން. އެކަމަކު ބާސެލޯނާއާ އަހަންނާ ގުޅުވައިގެން ނޫސްތަކުގައި ޖަހާ ވާހަކަތަކުގައި ހަގީގަތެއް ނެތް. ޓްރާންސްފާ މާކެޓް މިހާރު ވަނީ ބަންދުވެފައި. އަހަރެން މިހިރީ ޔުވެންޓަސްގެ ކޮންޓްރެކްޓް އާކުރުމާ ގާތުގައި،" ޑީބަލާ ބުންޏެވެ.