އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ބަޔާ ގުޅޭ)

"ﷲ އަކްބަރު!" އަހަރެން ހަޅޭއްލައިގަތީމެވެ.

ޖިންނީންގެ ދުނިޔޭގައި ހިނގާނުހިނގާ ކަންތައް، ކުރިއަށް ވުރެ ވެސް ސާފުކޮށް އަހަރެންގެ ލޮލަށް ފެންނަން ފެށިއެވެ. އިސްމާއިލްގެ ލޮލުން އަހަރެން ބަލާ ކަހަލައެވެ. އަހަންނަށް ފެންނަނީ، އަނދިރިގަނޑެއްގައި ތިބި، އަނދިރިއަށް ވުރެ ކަޅު އެއްޗެހިތަކެކެވެ. ވަރަށް ދުރުގައި ފަރުބަދަތަކެއް ހުއްޓެވެ. އެންމެ ފަރުބަދައެއްގެ މައްޗަށް އެކުލެވޭ ރަށްރަށް ވެސް ހުއްޓެވެ. ބޮޑު ކަނޑެއް އޮތެވެ. ކުރިން ނުފެންނަ ކަހަލަ ގަސްތަކެއް ވެސް ދުށީމެވެ. އެއީ، ވަރަށް ބޮޑެތި ފަތްތަކެއް ހުންނަ ގަސްތަކެކެވެ. ގަހުގެ ބުޑުގަނޑު ވަކީން ބޮޑެވެ. ހީވަނީ އެތަކެއް ހާސް އަހަރެއް ވެފައިވާ ގަސްތަކެއް ހެންނެވެ. ހުރިހާ އެއްޗެއްގެ ކުލައަކީ ވެސް ކަޅު ކުލައެވެ. އިސްމާއިލް ގެންގުޅޭ ކަނޑި ވަރަށް އަލި ގަދައެވެ. އޭނަ ކަނޑި ދަމައިގަންނަނީ ބުރިކަށިންނެވެ. ވަރަށް އާދަޔާޚިލާފު ކަނޑިއެކެވެ. އޭގެ ކުރިން ދުވަހަކު ވެސް ނުދެކޭ ކަހަލަ ކަނޑިއެކެވެ. އެ ކަނޑީގައި ބިއްލޫރި ދެ މިޔަ ހުރެއެވެ. މެދު އޮންނަނީ ހުހަށެވެ. އެ ހުސް ދިމާ އޮންނަނީ އަލި ރޮނގަކުން ދިއްލިފައެވެ. އެ އަލިގަނޑުގެ ތެރެއިން އާވި ނުކުމެނުކުމެ ހުރެއެވެ. ކަނޑިން ދަޅައެޅޭ ގޮތަކުން، އެ އަލިގަނޑުގައި އަލިން އެއްޗެއް ލިޔެވިފައި އޮންނަހެން ހީވެއެވެ. އަކުރުތައް ވައްތަރީ، އިސްލާމީ މަރުކަޒުގެ މިސްކިތުގެ އިމާމު މީހާ ހުންނަ ދިމާގެ ކުރިމަތީގައި ހުންނަ ލިޔުމުގައި ހުންނަ ކަހަލަ އަކުރުތަކަކާއެވެ. ކަނޑީގެ މުއްގަނޑު އޮންނަނީ ރިހި ކުލައެއްގައެވެ. ކޮން މައުދަނެއްކަމެއް ނޭނގެއެވެ. ހަނގުރާމައިގެ އެ މައިދާނުގައި އަޑު ވަރަށް ގަދައެވެ. ޝައިތާނުންގެ އަޑަށް ވުރެ އިސްމާއިލްގެ އަޑު ދެ ގުނަ ވަރުގަދަހެން ހީވެއެވެ.

"ނާންނާތި އެކަކު ވެސް،" ބޯމައްޗަށް ކަނޑި ދަމައިލައިފައި ގަދަފަދަ އަޑަކުން އިސްމާއިލް ގޮވައިލިއެވެ.

އެކައްޗަކަށް ވެސް ގާތަށް އަންނާކަށް ނުކެރުނެވެ. ތިބީ ވަރަށް ދުރުގައެވެ. ފަރުބަދަތަކެއްގެ ބިއްދޮށުގައެވެ. ދެން ވާގޮތް ބަލަން ޖިންނީން ބޭނުންވާ ކަހަލައެވެ. ތިބެނީ ބޮނދާ ތިބޭ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ބިޔަ ލޯތަކާއި، ކަޅީގައި ހުންނަ ރީނދޫ ވައްބުރުތައް ވެސް ސާފުކޮށް ފެނެއެވެ. ވައްބުރުތައް ހުންނަނީ، އެކައްޗަށް ވުރެ އަނެކަތި ކުޑަވަމުން ގޮސް ގެއްލިފައެވެ. ބޮޑެތި ދަޅުތަކެއް ބޮލުން ފަޅައިފައި ހުއްޓެވެ. ބައެއް ދަޅުތަކުގެ ކޮޅު ހުންނަނީ ވިލާތަކު ތެރެއަށް ގެއްލިފައެވެ. އެކި ޝައިތާނުން ހުންނަނީ އެކި ސިފައިގައެވެ. ދަޅުފީނިފުއްލާއެއްގެ ހަށިގަނޑުގައި ސާރިދޯޅެއްގެ ބޯ ކަހަލަ ބޮލެއް ހުންނަ އެއްޗެހި ވެސް ތިއްބެވެ. ކުޑަ އިރުކޮޅަކު މައިދާނަށް ހަމަހިމޭންކަން ވެރިވެފައި އޮތެވެ. ދެން އިވުނީ އަސްތަކެއްގެ މޮއްގަނޑުގެ އަޑެވެ. އެތައް ބައިވަރު އަހެކެވެ. ހަމަލޮލަށް އަސްތައް ފެނުނުއިރު، އޭގެ މަތީގައި ބަޔަކު އިށީނދެގެން ވެސް ތިއްބެވެ. ދުވުން ބާރުވުން ފިޔަވައި، އެ އަސްތަކުގައި ވަކި ޚާއްޞަ ސިފައެއް ނެތެވެ. އަހުގައި އިށީނދެގެން ތިބި ބައެއްގެ ގައިގައި ހުރީ ހުޅު ރޯވެފައެވެ. އެ އަލިފާނުގެ އެއްވެސް އަސަރެއް އޭގައި ތިބި ބަޔަކަށް ނުކުރެއެވެ. ބައެއް އެއްޗެހީގެ ބޮލަކު ހުޅުގަނޑެއް ނުހުރެއެވެ. ދުވަމުން އަންނަ ބަޔަކާއި، ހިނގަމުން އަންނަ ބަޔަކާއި، ފުންމަމުން އަންނަ ބަޔަކު ވެސް ތިއްބެވެ. ގިނަ އަތްތައް ހުންނަ އެއްޗެއްސާއި، ދެ އަތް އެކަނި ހުންނަ އެއްޗެހި ވެސް ހުއްޓެވެ. އެ އެއްޗެހި އަންނަނީ ދެ އަތް ވިއްދައިފައި ފުންމަމުންނެވެ. އުދުހިފައި އުޅޭ އެއްޗެހިތަކެއް ވެސް އުޅުނެވެ. ބިޔަކަމުން ހިރިލަން އުނދަގޫހެން ހީވާ ބޮޑެތި އެއްޗެހިތަކެއް ވެސް އުޅުނެވެ. އޭގެ ކޮންމެ އެއްޗެއް ހީވަނީ ފަރުބަދަގަނޑެއްހެންނެވެ. ލަހުން ހިނގުނަސް، އެ އެއްޗެހި އަޅާ ފިޔަވަޅާ އެކުގައި ބިންގަނޑު ގުޑައިގެންދެއެވެ. ވިދުވަރެއްހާ ހަލުވިކޮށް ދުވާ އެއްޗެހިތަކެއް ވެސް އުޅުނެވެ. ފަހުން އެނގުނު ގޮތުގައި އެއީ ޖިންނިޝައިތާނުންގެ ތެރޭގައި ތިބޭ ސިހުރުވެރިންނެވެ. ޖެހިލުން ކުޑަ ގޮތަކަށް އެ ހުރިހާ އެއްޗަކާ އިސްމާއިލް ކުރިމަތިލިއެވެ. ކޮށައި ކުދިކުރަން ފެށިއެވެ.

"މި ބުނަނީނު ނާންނާށޭ،" އިސްމާއިލް ހަޅޭއްލަވައެވެ. "އަޑެއް ނީވޭތަ؟"

އެ ތަނުގައި ތިބި މީހުންނަށް ފެނުނީ އަހަރެން ހުސް އަތް ހޫރާ ތަނެވެ. އަހަރެން އަތުގައި އޮތް ކަނޑިއެއް އެކަކަށް ވެސް ނުފެނެއެވެ. އެކަމަކު، އެނދުމަތީގައި ކޮޅަށް ހުރެގެން އަހަރެން ދެއްކި ހެވިކަމުގެ ހުނަރުތަކަށް ވިސްނި ކޮންމެ މީހަކު ހިތަށްއަރާނެއެވެ. ދުވަހަކު ވެސް ކަނޑިއެއް ނުގެންގުޅޭ މީހަކު އެހާ ފަރިތައީ ކީއްވެގެން ހެއްޔެވެ؟ ރެކެމުން، ބޮނދަމުން، ފަހަތަށްޖެހި ކުރިއަށްއަރަމުން އަހަރެން ގެންދިޔައީ ހަލުވިކަމާ އެކުގައެވެ. އަހަރެންގެ ހަށިގަނޑެކެވެ. އިސްމާއިލްގެ އުކުޅުތަކެވެ. އިސާހިތަކު މައިދާން ސާފުކޮށްލިއެވެ. ވިދާލި ވިދުވަރެއް ފަދައިން އުރައަށް ކަނޑި ކޮއްޕައިލިއެވެ.

"އަލްޙަމްދުލިއްލާހި!" މަޑުމަޑުން 'އަހަރެން' ބުނެލީމެވެ.

އިސްމާއިލްގެ ހަތަރު އެކުވެރިން އެ ތަނަށް އައެވެ. އެއީ، އެންމެ ފުރަތަމަ އައި ޖިންނީންގެ ތެރެއިން އިސްލާމްވި ހަތަރު ޖިންނިއެވެ. ޢާއިލާ އެކުގައި އިސްލާމްވި ހަމްޒާގެ ޢާއިލާއިން ވެސް ބަޔަކު އައެވެ. ފާރައަށް އެ މީހުން ބައިތިއްބައިފައި އަހަރެންގެ ހަށިގަނޑު ތެރެއިން އިސްމާއިލް ނުކުތެވެ.

"ޒިކުރުތައް ކިޔައިގެން ނިދާލެވޭތޯ މަސައްކަތް ކުރޭ،" އަހަރެން ގާތުގައި އިސްމާއިލް ބުންޏެވެ. "ﷲ އިރާދަކުރެއްވިޔާ، އިރާދަ ކުރެއްވި ފަރާތަކަށް ރައްކާތެރިކަން ދެއްވާނެ."

އިސްމާއިލް ވާހަކަދެއްކީ ވަރަށް ރީތި، އަދަބުވެރި ރާގަކަށެވެ. ކުށެއް ޖެހިދާނެތީ އޭނަ ކަންބޮޑުވާ ކަހަލައެވެ. އެ ސަކަރާތްގަނޑުގެ ތެރޭގައި އުޅެފައި އިސްމާއިލް ދިއުމުން، އެތައް އިރެއް ވާންދެން އަހަރެންގެ ކަންފަތް ހުރީ ބައްވަފެއެވެ. އެ ރޭ އަހަންނަށް ނިދުނެވެ. ގަޑިން އޭރު ހުރީ ދަންވަރު ތިނެއް ޖަހައިފައެވެ.

ފަތިސްނަމާދު ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. ނަމާދުކޮށްގެން އަނެއްކާ ވެސް ނިދީއެވެ. ދެން ހޭލެވުނީ ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށެވެ. ވަރުދެރަވެފައި ހުރުމުން އެ ދުވަހު އަރާމުކުރީއެވެ. ހާދީ ނިންމައިފައި އޮތީ އެ ގޮތަށެވެ. ކާހިތް ކުޑަ ނަމަވެސް، ހިތްވަރުކޮށްގެން ކެއީމެވެ. ބައެއް އެކުވެރިން ބައްދަލުކުރަން އައެވެ. އެ މީހުންގެ މޫނުމަތިން ހަމްދަރުދީގެ އަސަރު އަހަރެން ދުށީމެވެ. މީހުންގެ ނަޒަރުގައި އަހަންނަކީ ޖިންނިމޮޔަވެފައި ހުރި މީހެކެވެ. އަހަރެން ފަދަ މީހުންނާ މެދު އަހަރެން ވެސް ކުރިން ދުށީ އެ ނަޒަރުންނެވެ. މޮޔަމީހާ ހަޅޭއްލަވަނީ ކީއްވެގެންކަމެއް، ތެޅިފޮޅެނީ ކީއްވެގެން ކަމެއް ކުރިން ނޭނގެއެވެ. ފެންނަނީ ކޯޗެއްކަމެއް، ތަޖުރިބާކުރާ ހާދިސާތަކުގެ ބިރުވެރިކަމެއް ވެސް ނޭނގެއެވެ. ވީއިރު، އަހަރެންގެ ހާލު އެންމެންނަށް އެނގޭނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ.

އިރުއޮއްސެން އުޅެނިކޮށް އަނެއްކާ ވެސް އުނދަގޫވާން ފެށިއެވެ. ޝައިތާނުންގެ އުނދަގޫ ޖެހެން ފެށިއެވެ. އެ ވަގުތަކީ ޝައިތާނާ އެންމެ ގަޔާވާ ވަގުތެވެ. އަހަރެންގެ ގާތުގައި އިސްމާއިލާއި ހާދީ ތިއްބެވެ. ވަކި ހިސާބަކަށް ދިޔުމުން އަހަރެންގެ ހަށިގަނޑަށް ވެސް ވަނެވެ. އެ ފަހަރު އައީ ކުރިން ނުދެކޭ ކަހަލަ އެއްޗެހިތަކެވެ. ބޯކޮޅު ހުންނަނީ ކިނބުލެއްހެންނެވެ. އޫރާއި، ބަކަރީގެ ބޯ ހުރި އެއްޗެހި ވެސް ހުއްޓެވެ. އެކި އެއްޗެހީގެ އެކި ހިސާބުގައި ހުންނަނީ ހުޅުރޯވެފައެވެ. ކޮންމެހެން ހަނގުރާމައެއް ކުރާކަށް އެ އެއްޗެހި ނޫޅެއެވެ. މާ ގާތަށް އަންނާކަށް ވެސް ނޫޅެއެވެ. ވަކި ހިސާބަކަށް އައިސްފައި ބުރުވާލަނީ ފެހި ކުލައެއްގެ އޮލަގަނޑެކެވެ.

"އެއީ ސިހުރު،" އިސްމާއިލް އޮޅުންފިލުވައިދިނެވެ. "އަންނަ އެންމެން މަރައިގެން މި ކަމެއް ނުނިމޭނެ. އަހައި އޮޅުން ފިލުވަން ޖެހޭނީ. އިބިލީހަށް ސަޖިދަކުރާ ޝައިތާނުން ވަރަށް ގޮތްދޫނުކުރާނެ."

އަހަރެންގެ ގައި ތެރެއަށް ޝައިތާނެއް ވަންނައިރަށް ބަނދެލައެވެ. ހާދީއަށް އެއީ ބޮޑު ކަމެއް ނޫނެވެ.

"ކާކު ކަލޭމެން ފޮނުވަނީ؟" އެ ސުވާލުގެ ޖަވާބު ހޯދަން ހާދީ މަސައްކަތްކުރިއެވެ. "ފޮނުވާ ބަޔަކާ، އެ ބަޔަކު ތިބި ތަނެއް ބުނޭ. ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއީ."

ގޮތް ދޫކުރުމަކީ ޝައިތާނުންގެ ކިބައިގައި ހުންނަ ސިފައެއް ނޫނެވެ. ކުރާ ސުވާލަށް ދެނީ ދޮގު ޖަވާބެވެ. ޖަވާބެއް ދެނީ އެތައް އިރަކު ސުވާލުކޮށް، ވިސްނައިދީ، ބިރުދެއްކީމައެވެ. ގިނަ ވަގުތުތަކެއް އެ ކަމުގައި ބޭކާރުވިއެވެ. ބަނދެލައިފައި ތިބޭއިރު ވެސް އަޑުގެ ކޮޅަށް ހިނިގަނޑުޖަހައެވެ. ފޮނިކަނޑައެވެ.

"އަހަރުމެން މި އައީ ލަންކާގެ ނިގަންބޯއިން،" އެއް ޖިންނިއަކު ޖަވާބުގައި ބުންޏެވެ.

ހާދީ އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އެކަމަކު، މަޢުލޫމާތު ހޯދަން މަސައްކަތް ކުރިއެވެ.

"ލަންކާގެ ކާކު ކަލޭމެން ފޮނުވީ؟" ހާދީ އެހިއެވެ. "ނުބުނެފިއްޔާ ދެން ވާނެ ގޮތް އެނގޭތަ؟"

"އަޚުމަދު!" ފުރަތަމަ ބުނި ނަމަކީ އެއީއެވެ.

އަހަރުމެން ހީކުރީ އެއީ ބައްޕަ ރަށުގައި ސިހުރުހަދާ ކަމަށް ޖިންނިން ބުނި އަޚްމަދު ކަމަށެވެ. އާންމު ނަމަކަށް ވުމުން އެ މީހާ ދަނެގަންނާކަށް އެހާ ފަސޭހައެއް ނުވިއެވެ. އިތުރު ސުވާލު އެހުމުން ޖިންނީން ދައްކަން ފެށީ ބޭކާރު ވާހަކައެވެ. ދޭން ފެށީ ސުވާލާ ނުގުޅޭ ޖަވާބެވެ. ބޭނުންވީ ހާދީގެ ފިކުރުތަކާ ކުޅެލާށެވެ.

"ކަލޭ ދެން އަހަރުމެންގެ ދީން ގަބޫލުކުރަންވީނު،" އޭގެ ތެރެއިން ޖިންނިއަކު އެދުނެވެ. "ކަލެއަށްޓަކައި ވަރަށް ބައިވަރު ހަދިޔާތައް ތައްޔާރުކޮށްފައި އެބަހުރި. މަތިވެރި މަޤާމަކާ، ޚިދުމަތް ކުރާނެ ނޯކަރުން ތިބޭނެ. ހިނގާދަމާ!"

ރައްދުގައި ޖަވާބުދިނުމުގެ ބަދަލުގައި، ފުރަތަމަ ފަހަރަށް ހާދީ ވިސްނައިލިއެވެ. އަހަރެންގެ ހިތަށްއެރިއެވެ. ހާދީގެ މިޒާޖަށް އެ ފަދަ ބަދަލެއް އައީ ކީއްވެބާއެވެ؟ އިސްމާއިލް ބޭތިއްބި ފާރަވެރިންނަކަށް ޝައިތާނުން ފައްސައެއް ނުލެވުނެވެ. ޙަމަލަދިނުމުގެ ބަދަލުގައި ފާރަވެރިންގެ ދައުރަކަށް ވެފައިވަނީ ވާނުވާ ބެލެހެއްޓުމެވެ. ޚަބަރު ފޯރުކޮށްދިނުމެވެ.

"އޭރުން ދެން މަ ނުޖެހޭނެތަ މި ކޮޅަށް އެނބުރި އަންނާކަށް؟" ހާދީ އޮޅުންފިލުވިއެވެ. "މިސާލަކަށް މަ ބޭނުންވެދާނެ މަގޭ ޢާއިލާގެ މީހަކު މި ކޮޅުން ގެންދަން."

"ހުރިހާ ކަމެއް ހަމަޖެހޭނެ،" ގާތަށް ޖެހިލައިފައި ހުރިހާ ޖިންނީން އެއް އަޑަކުން ބުނެލިއެވެ. "ވިލާތަކަށް ވުރެ މަތީގަ ކަލެއަށް ގަނޑުވަރެއް އަޅައިދޭނަން. ބުނި މީހަކު އެ ތަނަށް ގެންގޮސްދޭނަން. ކޮންމެހެން އަހަރުމެންގެ ސިހުރުވެރިއަކަށް ނުވިޔަސް މައްސަލައެއް ނެތޭ. އެ ގޮތް ކިހިނެއް؟"

ހާދީއަށް ހުޅުވައިލަދިން ދޮރު، ދެ އަތުން ހާދީއަށް ހަނާއަޅަން ފެށިއެވެ. ތަނަށް ވެރިވެފައި އޮތީ ބިރުވެރި ހަމަހިމޭންކަމެކެވެ. (ނުނިމޭ)