31 މެއި 2016 - 10:24

ވޮޝިންޓަން (މެއި 31) - އެމެރިކާގެ ރައީސް ދިރިއުޅުއްވާ ވައިޓް ހައުސްގެ ފެންސް މަތިން "ދަގަނޑު ގަނޑެއް" އެއްލި މައްސަލަ ބޮޑުވެ ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅައިފި އެވެ.

ވައިޓް ހައުސްގައި މަސައްކަތް ކުރާ ނޫސްވެރިން ބުނި ގޮތުގައި މި މައްސަލާގައި ވަނީ އަންހެނަކު ހައްޔަރުކޮށްފަ އެވެ.

"ވައިޓް ހައުސްގެ އުތުރުކޮޅުގެ ފެންސް މަތިން ކޮންމެ ވެސް މީހަކު ވަނީ އެއްޗެއް އެއްލާފައި،" ސީކްރެޓް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ވައިޓް ހައުސްގެ ފެންސް މަތިން އެއްލި އެއްޗެއްގެ މައްސަލަ ތަހްގީގު ކުރުމަށް ސީކްރެޓް ސާވިސް އިން ވަނީ ތިން ގަޑިއިރު ހޭދަކޮށްފަ އެވެ. އޮފިޝަލުން ބުނީ ފެންސް މަތިން އެއްލި އެތި ތަހްގީގު ކުރުމަށް ފަހު އެއީ ނުރައްކަލެއް އޮތް އެއްޗެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.
"ވައިޓް ހައުސް މިހާރު ވަނީ އާދައިގެ ހާލަތަކަށް ގެނެސްފައި،" ސީކްރެޓް ސާވިސް އިން ބުނެފައިވެ އެވެ.
ވައިޓް ހައުސްގައި މި ހާދިސާ ހިނގި އިރު ރައީސް ބަރަކް އޮބާމާ އުޅުއްވަނީ ވާޖިނިއާގެ އާލިންޓަން ނޭޝަނަލް ސިމެޓްރީ އަށް ވަޑައިގެންނެވެ. --އޭއެފްޕީ