05 އޮކްޓޯބަރ 2016 - 06:30

ކެޕްޓަން ޖެކް ސްޕެރޯގެ ކޮސްޓިއުމުގައި ޖޮނީ ޑެޕް ޖައްސާ ވައްތަރުތައް ކަމުދާ މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވާނެ އެވެ.
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ވަނަ ފިލްމް އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައިވާ އިރު ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 26 ގަ އެވެ.
މީގެ ޓީޒާ ބެލި މީހުން މިހާރު ވެސް ބުނަމުން އަންނަނީ ކުރީގެ ހަތަރު ފިލްމަށް ވުރެ ކުރިއަށް ފިލްމް ވަރުގަދަވެފައި، ހިނގާ ހާދިސާތައް ވެސް ތަފާތު ވާނެކަމުގެ ކުލަވަރު ފެންނަ ކަމަށެވެ.
އަދި ކެޕްޓަން ޖެކް ސްޕެރޯގެ ކެރެކްޓާ އިން ބެލުންތެރިން އަނެއްކާ ވެސް ހެއްވާލައި، ދާދި ފަހުން ނިމުމަކަށް އައި ޑެޕްގެ ވަރީގެ ކުޅިގަނޑު މަތިން ވެސް ފޭނުން ހަނދާން ނައްތައިލާނެ އެވެ.
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" އާ އެކު މީގެ ޑައިރެކްޝަން މިހާރު މި ވަނީ އަނެއްކާ ވެސް އެހެން ބައެއްގެ ލެންސުން ދައްކުވައި ދީފަ އެވެ. މި ފަހަރު މީގެ ޑައިރެކްޝަން ހަދާފައި ވަނީ ޖޯޗިން ރޮނިން އާއި އެސްޕެން ސެންޑްބާގެވެ.
މި ސީރީޒްގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އެންމެ ފަހުން ސިނަމާ އައީ 2011 ވަނަ އަހަރު އެވެ. އެއީ ރޮބް މާޝަލް ޑައިރެކްޓް ކުރި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އޮން ސްޓްރޭންޖާ ޓައިޑްސް" އެވެ.
ދެހާސް ހަ ވަނަ އަހަރުން ފެށިގެން ޑެޕް ކެޕްޓަން ޖެކް ސްޕެރޯގެ ރޯލް ކުޅޭ މި ސީރީޒަކީ އޭނާގެ އެންމެ ކާމިޔާބު ފިލްމުތަކެވެ.
މި ފަހަރުގެ ފިލްމުގައި އޭނާ އެކު ކާސްޓުންގެ ތެރޭގައި ޒޭވިއާ ބާޑެމް، ބްރެންޓަން ތުވައިޓްސް، ކާޔާ ސްކޮޑެލާރިއޯ އަދި ޖިއޮފްރޭ ރަޝް ފަދަ އެކްޓަރުން ފެނިގެން ދާނެ އެވެ.