ގޫގުލް އާއި ވާވޭ، ގާތް ގުޅުމެއް އޮވޭތަ؟
ގޫގުލް އާއި ވާވޭ، ގާތް ގުޅުމެއް އޮވޭތަ؟

ނެކްސަސް މަރުކާގެ ފޯނެއް ވާވޭ ލައްވާ އުފައްދަން ގޫގުލުން އުޅޭ ވާހަކަ އިވުމުން ހައިރާންވި އެވެ. ވާވޭ އަކީ ޗައިނާ ކުންފުންޏަކަށް ވެފައި، ޗައިނާ ސަރުކާރުން ގޫގުލް އަށް އެތައް އުނދަގުލެއް ކުރާ ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައި ވާތީ އެވެ. ވާވޭ އަކީ ގޫގުލް އަށް ހުރި ނުރައްކަލެއް ކަމަށާއި، ގޫގުލް އަށް ކުރިއަރައި ދެވޭނީ ވާވޭ ނައްތާލައިގެން ކަމަށް އެރިކް ޝްމިޓް ވިދާޅުވެފައި ވާތީ އެވެ.

ނެކްސަކް މަރުކާގެ ފޯނެއް އުފައްދައް ގޫގުލުން ދައުވަތު ދިނުމުން ވާވޭ ވަރަށް އުފާކުރި އެވެ. އެއީ އެމެރިކާ މާކެޓަށް ވަދެގަތުމަށް ވާވޭ އަށް ލިބުނު ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އެ ކުންފުނިން އުންމީދުކުރި އެވެ. ގޫގުލުން ވެސް ވާވޭ އަށް އެ އިތުބާރު ދިނެވެ. ގޫގުލުން ބުނި ގޮތުގައި ވާވޭއިން އުފައްދާ ނެކްސަސް މަރުކާގެ ފޯނުތައް އެމެރިކާގެ ހަތަރު އޮޕަރޭޓަރުން ލައްވައި ވިއްކުވާނެ އެވެ. އެހެންކަމުން އެ ފޯނު ވާން ޖެހޭނީ ހަތަރު ނެޓްވޯކްގައި ވެސް ބޭނުންކުރެވޭ ފޯނަކަށެވެ. ވާވޭއިން "ނެކްސަސް 6ޕީ" އުފެއްދީ ގޫގުލުން އިރުޝާދު ދިން ގޮތަށެވެ. ހަތަރު ނެޓްވޯކްގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެކަމަކު އަދި ވެސް އެއިން ފޯނެއް އެމެރިކާ ނެޓްވޯކަކުން ނުވިއްކަ އެވެ. "ނެކްސަކް 6ޕީ" މާކެޓަށް ނެރުނު ފަހުން އަހަރު ދުވަސް ވާއިތުވީ އެވެ.

ވާވޭ ހާޑްވެއާގައި ހުރި ބަދަހިކަން ތަޖުރިބާކުރެވުމުން ވާވޭ ކޮނޑަށް އަތްލައި ގާތްކޮށްލަން ގޫގުލުން ބޭނުންވި އެވެ. އަމިއްލަ ފޯނެއް އުފެއްދުމަށް އޮތް އެދުވެރިކަން ވާވޭއާ ހިއްސާކުރުމަށް ގަސްދުކޮށް އެ މަޝްވަރާތައް ފެށި އެވެ.

ގޫގުލްގެ އެދުމަކަށް ވީ، ވާވޭއިން ފޯނު އުފެއްދި ނަމަވެސް ފޯނުގައި ވާވޭގެ ނަން ނުޖެހުމެވެ. އަދި "ގޫގުލް"ގެ ނަން ފަވާނެގުމެވެ. ވާވޭ އަށް އެ ގޮތް ކަމަކު ނުދިޔަ އެވެ. ގޫގުލުން ނެރެން މިހާރު އެ އުޅޭ "ޕިކްސެލް" ފޯނު އުފެއްދުމަށް އެޗްޓީސީއާ އަށް ފުރުސަތު ލިބުނު ގޮތަކީ އެއީ އެވެ.

އެޗްޓީސީ އޮތީ އަނދަވަޅުގަ އެވެ. ގޫގުލް ކަހަލަ ބޮޑު ކުންފުންޏެއްގެ ހިޔާވަހިކަން ލިބިގެން ނޫން ގޮތަކަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް އެޗްޓިސީއަކަށް ނެތެވެ. ކުންފުނީގެ ގުނަވަނެއް ނުވަތަ ނަން ދޫކޮށްލަން ޖެހުނަސް އޮތީ ތައްޔާރަށެވެ. އުންމީދަކީ ޕިކްސެލް ފޯނާ އެކު އެޗްޓީސީ އަށް ވެސް ނޭވާލެވުމެވެ.

ވާވޭ އަށް އަދި ވެސް އެމެރިކާ މާކެޓަށް ވަންނާނެ ހަރުދަނާ ގޮތެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި އެކަން ނުވެގެން އުޅެނީ އެއީ ޗައިނާ ކުންފުންޏަކަށް ވާތީއެއް ނޫނެވެ. މޮޓޮރޯލާއިން އުފެއްދި ނެކްސަސް މަރުކާގެ ފޯނަށް އެމެރިކާއިން ލިބުނު ވަނދު ތަރުހީބުގެ ސަބަބުންނެވެ. މޮބައިލް އޮޕަރޭޓަރުން އުންމީދުކުރި ވަރާ ގާތަށް ވެސް އެ ފޯނު ވިކިފައި ނުވާތީ އެވެ.

ގޫގުލް ޕިކްސެލް ފޯނަކީ އެމެރިކާ މާކެޓަށް ވަނުމަށް ވާވޭ އަށް ރަނގަޅު ފުރުސަތަކަށް ވީހެވެ. ފޯނުގައި ވާވޭގެ ނަން ނެތް ނަމަވެސް، ހާޑްވެއާ އުފެއްދި ކުންފުންޏަކީ އެއީކަން ލިޔުންތަކުން އެނގެން އޮތުމަކީ، ވާވޭ އަށް އިތުބާރުކުރަން އޮޕަރޭޓަރުންނަށް ފަސޭހަވާނެ ކަމެކެވެ. އެހެން ނަމަވެސް އެ ފުރުސަތު ވާވޭ ދޫކޮށްލުމުން ވަނީ ދެރަ ގޮތެއް މެދުވެރިވެފަ އެވެ.

ވާވޭއިން ޕިކްސެލް ފޯނު އުފައްދައި ނުދިން ނަމަވެސް ގުޅުން ގޯހެއް ނޫނެވެ. ވަރަށް ބަދައްސެވެ. ދެ ކުންފުނި ގުޅިގެން މިހާރު ވެސް ޕްރޮޖެކްޓްތައް ކުރި އަށް އެބަ ގެންދެ އެވެ. ގޫގުލް އާއި ވާވޭ ބާރު ގަދަ ޓެބްލެޓް އުފައްދާ ކަމަށް ވެސް ބުނެވެ އެވެ. މެދު ފަންތީގެ ފޯނުތަކެއް އުފެއްދުމުގައި އަވަދިނެތި އުޅޭ ކަމަށް ބުނާތީ ވެސް އިވެ އެވެ.