ލީކުވި އޯޑިއޯ އާއެކު ދެވަނަ ވަޒީރަކު ބޭރުވެއްޖެ
ލީކުވި އޯޑިއޯ އާއެކު ދެވަނަ ވަޒީރަކު ބޭރުވެއްޖެ

ބްރެސީލިއާ (މެއި 31) - ބްރެޒިލް ސަރުކާރުގެ ތެޔޮ ކުންފުންޏަށް ކުރިމަތިވެފައިވާ ކޮރަޕްޝަން ތުހުމަތުތަކަށް ފާޑުކިޔާ އޯޑިއޯއެއް ލީކުވުމާ އެކު، އެ ގައުމުގެ ދެވަނަ ވަޒީރަކު ކެބިނެޓުން ބޭރުވެއްޖެ އެވެ.

ބްރެޒިލްގެ ވަގުތީ ރައީސް މިޝެލް ޓެމިއާގެ ސަރުކާރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި، ލީކުވި އޯޑިއޯއާ އެކު ދެވަނަ ވަޒީރަކު މަގާމުން ވަކިވީ، އެންޓި ކޮރަޕްޝަން މިނިސްޓަރު ފެބިއާނޯ ސިލްވެއިރާ ވަޒީރަކުމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭރުގެ ނައިބު ރައީސް ޓެމިއާ ވެރިކަމާ ހަވާލުވެޑައިގެންނެވީ، ރައީސް ޑިލްމާ ރޫސެފް އިތުބާރުނެތްކަމަށް ކަނޑައެޅުމުގެ ޝަރީއަތަށް ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.

އެ އޯޑިއޯގައި ސިލްވެއިރާ ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ތަހުގީގު ކުރެވެމުންދާ ތެޔޮ ކުންފުނި ޕެޓްރޯބަސްގެ އިސް އޮފިޝަލަކަށް އެ ތަހުގީގުން ސަލާމަތްވާން ކުރަންވީ ކަންތައްތައް ކިޔާ ދެއްވައިފަ އެވެ.

ސިލްވެއިރާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، އެ ވާހަކަތަކަކީ އޭނާގެ އަމިއްލަ ހިޔާލުފުޅު ކަމަށާއި، އެ ވާހަކަތައް ސީރިއަސް ކަމަށް ބެލިފައިވަނީ ބްރެޒިލްގެ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށެވެ.

ރޫސެފްގެ ޝަރީއަތް ބޭނުންކޮށްގެން ޕެޓްރޯބާސް ތަހުގީގަށް ހުރަސްއެޅުމުގެ ވަހާކަ ދައްކަވާ އޯޑިއޯއެއް ލީކުވުމާ އެކު ޓެމިއާ ސަރުކާރުގެ ޕްލޭނިންގް މިނިސްޓަރު ރޮމެރޯ ވަނީ މިދިޔަ ހަފްތާގައި މަގާމުން ވަކިކޮށްފަ އެވެ.