04 އޮކްޓޯބަރ 2016 - 16:07

މެނީލާ (އޮކްޓޯބަރު 4) - އެމެރިކާ އާއި ފިލިޕީންސް އިން އަހަރަކު އެއް ފަހަރު ބާއްވާ އަސްކަރީ ތަމްރީނުތައް މިއަދު ފަށައިފި އެވެ.
އަށް ދުވަހުގެ މުއްދަތަށް ބާއްވާ މި ތަމްރީނުތަކާ ގުޅިގެން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެފައި ވަނީ މިއީ އޭނާގެ ވެރިކަމެއްގައި އެމެރިކާއާ އެކު ބާއްވާނެ އެންމެ ފަހު ތަމްރީނުތައް ކަމަށެވެ. އެކަމަކު ޑުޓާޓެގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ އަސްކަރީ ތަމްރީނުތަކާ މެދު ރަސްމީކޮށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެމެރިކާ އިން ވެސް ބުނެފައި ވަނީ މިއީ އެންމެ ފަހުގެ އަސްކަރީ ތަމްރީނުތައް ކަމަށް ފިލިޕީންސް އިން އަންގައިފައި ނުވާ ކަމަށެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ޑުޓާޓެ މިދިޔަ މަހު ފާޑު ވިދާޅުވުމުން ދެ ބޭފުޅުންގެ ބައްދަލުވުން ވެސް ވަނީ ކެންސަލް ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
އެއްޒަމާނެއްގައި އެމެރިކާގެ އިސްތިއުމާރުގެ ދަށުގައި އޮތް ފިލިޕީންސް އިން ވަނީ ވޮޝިންޓަނާ އެކު ދިފާއީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެކަމަކު ޑުޓާޓެ ވިދާޅުވީ އެމެރިކާގެ ބަދަލުގައި ފިލިޕީންސް އިން ބޭނުން ވަނީ ޗައިނާއާ އެކު އަސްކަރީ ގުޅުން ބަދަހި ކުރަން ކަމަށެވެ. އަދި އެމެރިކާ ސިފައިން ފިލިޕީންސަށް ފޮނުވުމަށް މީގެ ދެ އަހަރު ކުރިން ގާއިމްކުރި އެއްބަސްވުން އަލުން މުތާލިއާ ކުރައްވާނެ ކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ.
ފިލިޕީންސްއާ އެކު އެމެރިކާ އިން ސޮއިކުރި އެއްބަސްވުމަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ ހަރަކާތްތަކަށް ރައްދު ދިނުމަށް މުހިންމު އެއްބަސްވުމެކެވެ.
ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ވަގުތުން ހަރަކާތްތެރިވުމަށް ތަމްރީނު ދިނުމަށް ބާއްވާ އަސްކަރީ ހަރަކާތުގައި އެމެރިކާގެ 1،100 ސިފައިންނާއި ފިލިޕީންސްގެ 400 ސިފައިން ބައިވެރިވެ އެވެ.