ވަކީލުކަމުގެ ހުވާ ކުރުން ފަހު ވަގުތު ކެންސަލް ކޮށްފި
ވަކީލުކަމުގެ ހުވާ ކުރުން ފަހު ވަގުތު ކެންސަލް ކޮށްފި

ވަކީލުކަމުގެ ހުއްދަ ދިނުން މެދުކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވަކީލުންގެ ހުއްދަ ދިނުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބާއްވަން ހަމަޖެއްސުމަށް ފަހު ކުއްލި ގޮތަކަށް މިއަދު ކެންސަލް ކޮށްފި އެވެ.

ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކުރި ފަހުން އެއްވެސް މީހަކަށް ވަކީލުކަމުގެ ހުއްދަ ނުދޭތީ އެކަމުގެ ހުއްދަ އަށް އެދިފައިވާ ފަރާތްތަކުން ދިޔައީ ޝަކުވާ ކުރަމުންނެވެ. އެ ހުއްދަ ދިނުން ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން 100 އަށް ވުރެ ގިނަ މީހުންނަށް އެ ހުއްދަ ދޭން ނިންމައި، އެ މީހުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ރޭ ދަރުބާރުގައި ބާއްވަން ނިންމީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ ރަސްމިއްޔާތު ކެންސަލްކުރީ އިދާރީ ސަބަބަކާ ހެދި ކަމަށާއި ރަސްމިއްޔާތު އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.

އެ ރަސްމިއްޔާތު ކެންސަލްކުރީ އެންމެންނަށް ދައުވަތު ދިނުމަށް ފަހު، މިއަދު މެންދުރު ރިހާސަލް ވެސް ބާއްވަން ނިންމާފައި ވަނިކޮށެވެ.

ވަކީލުކަމުގެ ހުއްދައަކީ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުން ދެމުން އައި ހުއްދައެއް ނަމަވެސް، ސުޕްރީމް ކޯޓުގެ ގަރާރަކުން މިދިޔަ އަހަރު ވަނީ އެ މަސައްކަތް އެ ކޯޓުގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ވަކީލުކަމުގެ ހުއްދަ ދޫކުރަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޓާނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުންނެވެ.