ފުވައްމުލަކު ފަރަށް އެރި ބޯޓު ކަފު ޖަހައިގެން ގެންދަނިކޮށް އަޑިއަށް ހިނގައްޖެ
ފުވައްމުލަކު ފަރަށް އެރި ބޯޓު ކަފު ޖަހައިގެން ގެންދަނިކޮށް އަޑިއަށް ހިނގައްޖެ

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އަރައިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ވިއެޓްނާމްގެ އާގު ބޯޓު ޓަގެއްގައި ކަފު ޖަހައިގެން ރާއްޖޭން ބޭރަށް ގެންދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަޑިއަށް ހިނގައްޖެ އެވެ.

ބޯޓުގެ ކަންކަމާ ރާއްޖޭގެ ފަރާތުން ހަވާލުވި ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫނު ވިދާޅުވި ގޮތުގައި، ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި "އެމްވީ އެންޖީއޯސީ ސަން" ރާއްޖޭން ބޭރަށް ގެންދަން ނިންމީ ވަރަށް ބޮޑަށް ފޫގޮސްފައި އޮތުމުން މަރާމާތަށް ސްރީ ލަންކާއަށެވެ.

ނަމަވެސް ޓަގެއްގެ އެހީގައި ކަފު ޖަހައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދިޔަ ތަނުން ބޯޓަށް ލޮނު ވަދެ، ޕަމްޕް ޖައްސައިގެން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ބޯޓު އަޑިއަށް ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓުގެ ދެތިން ތަނަކުން ފޫގޮސްފައި އޮތުމުން މީގެ ކުރިން އެ ބޯޓު ފެންމަތީގައި ހިފެހެއްޓީ ބޯޓަށް ވަންނަމުން ދިޔަ ލޮނުގަނޑު ޕަމްޕް ޖައްސައި ކޮންޓްރޯލްކޮށްގެންނެވެ.

"ބޯޓު ފެންމަތީގައި ނޯންނާނެ ކަމަށް ގަބޫލުކުރެވުނީމަ ސަރުކާރުގެ ހުއްދައާ އެކު މަރާމާތަށް ގެންދަން ނިންމީ. އެކަމަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވިތަނާ ފެތުނީ،" މައުމޫން ވިދާޅުވި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް މުދާ ބޭލުމަށް ދިޔަ ބޯޓު ފުން ކުރީ މިދިޔަ މަހުގެ 15 ގަ އެވެ. އޭގެ މަހެއްހާ ދުވަސް ކުރިން ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5،700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5،000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ.

ފަރަށް އެރުމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ. އަދި މަޝްވަރާ ކުރުމަށްފަހު، ބަދަލު ދޭން ޖެހޭ އަދަދު ވީހާވެސް އަވަހަކަށް ކަނޑައަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ. އުޅަނދުތައް ފަރަށް އަރައިގެން ލިބޭ ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެ ބޯޓުން އައި މީހުން އަދިވެސް ރާއްޖޭގައި ތިބިއިރު، އެމީހުންނަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް ފަހު އެވެ.