31 މެއި 2016 - 09:07

ޕެރިސް (މޭ 31) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރޭ ކުޅުނު މެޗުން ޑިމިޓްރީ ޕަޔެޓް ޖެހި ލަނޑުން 3-2 އިން ކެމަރޫން އަތުން ފްރާންސް މޮޅުވެއްޖެ އެވެ.
ނަންޓޭސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ބްލައިސް މަޓުއިޑީ ފްރާންސަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ވިންސެން އަބޫބަކާރް ވަނީ ކެމަރޫނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޯލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮލިވިއޭ ޖިރޯ ފްރާންސަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނެވެ. ކެމަރޫން އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 87 ވަނަ މިނިޓްގައި މެކްސިމް ޗޮޕޫ މޯޓިން އެވެ.
މެޗުގެ ނަތީޖާ އެއްވަރުވާން ދަނިކޮށް ޕަޔެޓް ފްރާންސް މޮޅުކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. މި ސީޒަނުގައި ވެސްޓް ހޭމް ޔުނައިޓެޑްގައި ވެސް ވިދާލި ޕަޔެޓް އަކީ ޔޫރަޕްގައި މި ވަގުތު ހިލޭ ޖެހުންތަކުގައި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ އެވެ.
ޔޫރޯގެ ފުރަތަމަ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ރޮމޭނިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މުބާރާތަށް ތައްޔާރުވުމަށް ފްރާންސް ކުޅޭ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ސްކޮޓްލޭންޑާ އެވެ.
ރޭ ސްވިޑަން ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ސްލޮވީނިއާއާ އެއްވަރުވެފަ އެވެ. މި މެޗުގައި ސްވިޑަންގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ނުކުޅެ އެވެ.