05 އޮކްޓޯބަރ 2016 - 06:18

ހުނަރުވެރި ބަތަލާ ރާނީ މުކަރުޖީ އެންމެ ފަހުން ކުޅެފައިވަނީ 2014 ގައި ނުކުތް "މަރްދާނީ" އެވެ. އޭގެ ފަހުން، މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާއާ ކައިވެނިކޮށް ދަރިއަކު ލިބުނުފަހުން ރާނީ އެއްވެސް ފިލްމަކުން ވެސް އަދި ބޭރު ތެރެއަށް ނުކުމެ އުޅޭތީ ވެސް ވަރަށް ނުފެނެ އެވެ.

ނަމަވެސް ރާނީ އަނެއްކާވެސް ފިލްމު ކުޅެން ތައްޔާރުވާން ފަށައިފިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި ވަނީ ސިދާރްތު ޕީ. މަލްހޯތުރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ކާޖޮލް އާއި ކަރީނާ ކަޕޫރު އަދި އަރްޖުން ރާމްޕާލް ލީޑްރޯލުކުޅުނު "ވީ އާ ފެމެލީ" ވެސް ޑައިރެކްޓްކޮށްފައި ވަނީ ސިދާރްތު އެވެ.
މި ފިލްމުގައި ވެސް ރާނީ ކުޅެނީ އޭނާ އެންމެ ފަހުން ކުޅުނު "މަރްދާނީ" ގައި ކުޅުނު ކަހަލަ ވަރުގަދަ އަންހެނެއްގެ ބައެވެ. އަދި މި ފިލްމަކީ ވެސް މުޖުތަމައަށް ވަރަށް ވަރުގަދަ މެސެޖެއް ރައްދުކޮށްދޭނެ ފިލްމަކަށް ވާނެކަމަށްވެ އެވެ.
ސިދާރްތު މި ފިލްމުގެ ސްކްރިޕްޓް އެންމެ ފުރަތަމަ ކިޔައިދިނީ ރާނީގެ ފިރިމީހާ އަދިތިޔާ އަށެވެ. އޭގެ ފަހުން ރާނީ އަށް ކިޔައިދީފައިވެ އެވެ. މި ދެ މީހުންނަށް ވެސް ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ އެވެ.
ނަމަވެސް ފިލްމު ކުޅުވަން ރާނީ ލައްވާ އެއްބަސްކުރުވީ އަދިތިޔާ ޗޯޕްރާ ކަމަށްވެ އެވެ. އަދި މި ފިލްމު ޕްރޮޑިއުސްކޮށްދޭން ވެސް އަދިތިޔާ މިހާރުވަނީ އެއްބަސްވެފަ އެވެ.
މިހާރު ސިދާރްތު އާއި އަދިތިޔާ އަދި ރާނީ ބައްދަލުވެ ރާނީ މި ފިލްމަށް ހުސްކުރަން ޖެހޭ ތާރީޚުތައް ދަނީ ހަމަޖައްސަމުންނެވެ.
ހަގީގަތުގައި މިވަގުތު ރާނީ ލައްވާ ފިލްމެއް ކުޅުވަން އެއްބަސް ކުރުވުމަކީ އެއްވެސް ޑައިރެކްޓަރަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ އޭނާގެ 10 މަހުގެ ދަރިފުޅު އަދީތާ ބެލުމުގެ ހުރިހާ ކަމެއް ކުރަނީ ރާނީ އެކަނި ކަމަށް ވާތީ އެވެ. އަދި މިހާރު ރާނީ ފިލްމު ކުޅުމަކަށް އޭނާގެ މާ ބޮޑު ޝައުގެއް ވެސް ނެތެވެ. ނަމަވެސް ޑިސެމްބަރުގައި އަދީރާ އަށް އެއް އަހަރު ފުރުމުން ރާނީ އަށް ކުޑަކޮށް ވަގުތު ލިބޭނެކަމަށް ބަލައި މި ފިލްމު ކުޅެދޭން ރާނީ އެއްބަސްވީ އެވެ.