05 އޮކްޓޯބަރ 2016 - 06:16

ސޯޝަލް މީޑިއާގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ޓުވިޓާގައި ދީޕިކާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 16 މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އޭޝިއާގެ ސެލެބްރިޓީންގެ ތެރެއިން ދީޕިކާއާ އެންމެ ގާތުން ވާދަކުރަނީ އިންޑޮނީޝިއާގެ ބަތަލާ އަދި ލަވަކިޔުންތެރިޔާ އަގްނޭޒް މޯ އެވެ. ޓުވިޓާގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 15.8 މިލިއަންގަ އެވެ.
މިދިޔަ އަހަރު ދީޕިކާ ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި ވަރަށް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ. އަދި މިހާރު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" ރިލީޒްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ދާދިފަހުން ފޯބްސް އިން ނެރުނު އެންމެ ގިނައިން އާމްދަނީ ލިބޭ ބަތަލާއިންގެ ލިސްޓުގެ 10 ވަނައިގައި ވެސް ދީޕިކާ ވަނީ ހިމެނިފަ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދީޕިކާ ހޯދާފައިވާ މަގުބޫލުކަމަކީ އޭނާގެ ވާދަވެރިންނަށް ވެސް އެކަމާ ދެބަސް ވެވެން ނެތް ކަމެކެވެ.
ދީޕިކާ މިހާރު ކުޅެމުންދާ ހޮލީވުޑް ފިލްމަށްފަހު އޭނާ ފެށުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެވެ. މި ފިލްމުގެ ބަތަލަކީ ދީޕިކާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބުނެވޭ ރަންވީރު ސިންގް އެވެ.