ފަހަތަށް ފޭބުމުގެ ވިސްނުމެއް ނެތް: ކޯޗު
ފަހަތަށް ފޭބުމުގެ ވިސްނުމެއް ނެތް: ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފުގެ ފުރަތަމަ ލެގުން ލާއޮސް އަތުން 4-0 އިން މޮޅުވެފައިވީ ނަމަވެސް، ދެ ވަނަ ލެގަށް ނުކުންނަނީ އެ ނަތީޖާ ހިފަހައްޓަން ނޫން ކަމަށާއި ބޭނުންވަނީ އެއަށް ވުރެ ޕޮޒިޓިވް ނަތީޖާއެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

ލާއޮސްގައި އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުން 4-0 އިން ރާއްޖެ ބަލިވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް، އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ.

"އަހަރެމެން މިދަނީ މި ނަތީޖާ ހިފަހައްޓާކަށް ނޫން. މުޅި މެޗުގައި ފަހަތުގައި ތިބެ ޑިފެންސްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. އަހަރެން ބޭނުންވަނީ ކުޅުންތެރިން އެޓޭކްކުރަން. ޕޮޒިޓިވް ނަތީޖާއެއް ނެރުން ބޭނުމަކީ، އެވަރަށް މަސައްކަތްކުރެވިއްޖެ އަހަރެމެންނަށް،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ކުޅުންތެރިންގެ އެޓިޓިއުޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް މޮޅުވެފައިވީ ނަމަވެސް މި މެޗު ފަސޭހަނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ މެޗަށް ތައްޔާރުވާން ފެށިތާ ތިން ދުވަސްވެފައިވާއިރު ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަކަމަށެވެ.

"ލީގުގައި ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެފައިވާތީ ފުރަތަމަ ރިކަވަރީއަށް ވަގުތު ދިނީ. މިއަދުން ފެށިގެން ޓެކްޓިކަލް ތައްޔާރީތައް ފަށާނީ. މިހާތަނަށް ތައްޔާރީތައް ވަރަށް ފުރިހަމަކޮށް ދަނީ. ކުޅުންތެރިންގެ ވިސްނުމާއި މޫޑް ވެސް ރަނގަޅު،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި ވެސް ފެންނާނީ ދާދި އެއް ފުރަތަމަ 11 އެއް ކަމަށާއި ބަދަލު ގެންނަން ޖެހޭ މާބޮޑު ސަބަބެއް ނެތް ކަމަށެވެ. ސްޓެވާޓް ބުނީ ލާއޮސް ޓީމުގައި ނުރައްކާތެރި ބައެއް ކުޅުންތެރިން އެބަތިބި ކަމަށާއި ދެ ވަނަ ލެގުގައި އެ ޓީމުގެ ފަރާތުން ނުރައްކަލާ ކުރިމަތިވެދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

"އެކަމަކު ޖުމްލަކޮށް އަހަރެން ވިސްނަނީ ރާއްޖޭގެ ކުޅުމާއި ރޭވުމާ މެދު. އިދިކޮޅު ޓީމާ މެދު ވިސްނުމަށް ވުރެ އަމިއްލަ ޓީމުގެ ކުޅުން ރަނގަޅުކުރަން މަސައްކަތްކުރާނީ،" ސްޓެވާޓް ބުންޏެވެ.