04 އޮކްޓޯބަރ 2016 - 13:36

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ޝައުގުވެރިވާ މީހުން މި މަހުގެ 20 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 14 ގަ އެވެ.
ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު 655 އަށް ވަނީ މަދުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެހެންކަމުން އެއީ 422 ކައުންސިލަރުންގެ މަދުވުމެކެވެ.
ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު މަހަކު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ މަހަކު 7.3 މިލިޔަން ރުފިޔާ އެވެ.