04 އޮކްޓޯބަރ 2016 - 13:10

ނިއު ޔޯކް (އޮކްޓޯބަރު 4) - ޕެރިހުގެ ލަގްޒަރީ ހޮޓަލެއްގައި ބަޑިން ބިރު ދައްކައިގެން، ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ތަރި ކިމް ކާޑޭޝިއަންގެ އަތުން ފޭރިގަތް ތަކެތީގެ އަގު 11.2 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ގޮތަށް ހެދުން އަޅައިގެން ތިބި ދެ މީހުން ކާޑޭޝިއަން، 35، އަތުން ފޭރިފައި ވަނީ އިއްޔެރޭ ދަންވަރު ހޮޓަލަށް ވަދެ އޭނާ ބަނދެ، ފާޚާނާ އަށް ލުމަށް ފަހު އެވެ. ފޭރުމުގެ ހާދިސާ ހިންގިތާ މާގިނަރެއް ނުވެ ކާޑޭޝިއަން ވަނީ ޕްރައިވެޓް ޖެޓެއްގައި އެނބުރި ނިއު ޔޯކަށް ގޮހެވެ. އޭނާގެ މަންމަ ކްރިސް ޖެންނާއާ އެކު ޕެރިހަށް ދިޔައީ ފެޝަން ވީކުގައި ބައިވެރިވުމަށެވެ. އޭނާ ހުރި ހޮޓަލަށް ރެއަކަށް 15،000 ޔޫރޯ ދައްކަން ޖެހެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފޭރޭ މީހުން ހޮޓަލަށް ވަނީ އެ ހޮޓަލުގެ ސިކިއުރިޓީ ގާޑުން ވެސް ބަނުމަށް ފަހު އެވެ. އޭގެ ކުރިން އެ މީހުން ވަނީ ކާޑޭޝިއަން ހުރި ކޮޓަރި ހޯދައިފަ އެވެ. އެ މީހުން އެ ކޮޓަރި އަށް ވަނުމަށް ފަހު އޭގެ ތެރޭން އެކަކު ކާޑޭޝިއަންގެ ބޮލަށް ބަޑި ދިއްކުރުމަށް ފަހު އަނެއް މީހާ ވަނީ ކޮޓަރީގެ އެކި ތަންތަން ބަލާ ގަހަނާތައް ވަގަށް ނަގައިފަ އެވެ. އޭގެ ތެރޭގައި ހަތަރު މިލިއަން ޔޫރޯގެ އަގު ބޮޑު އަނގޮޓިއެއް ވެސް ހިމެނެ އެވެ. ފުލުހުންނާއި ހަވާލާދީ އޭޕީން ބުނީ ވަގުން ވަނީ ކާޑޭޝިއަންގެ ކޮޓަރިން 6.7 މިލިއަން ޑޮލަރުގެ އަގު ހުރި ގަހަނާ ފޮއްޓެއް ވެސް ވަގަށް ނަގައިފަ އެވެ. ފޭރުނު މީހުން ފިލީ ބައިސްކަލުގައި ކަމަށް ފުލުހުން ބުންޏެވެ.
މި ވައްކަން ކުރި އިރު ކާޑޭޝިއަންގެ ފިރިމީހާ ކާންޔެ ވެސްޓް ހުރީ ނިއު ޔޯކުގެ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލެއްގައި ލަވަކިޔުމަށް ސްޓޭޖުގަ އެވެ. މި ޚަބަރު ލިބުމާ އެކު އޭނާ ވަނީ "އާއިލާ އަށް އިމަޖެންސީ ކަމެއް މެދުވެރިވެއްޖެ ކަމަށާއި އެހެންވެ ޝޯ ހުއްޓާލަނީ ކަމަށް ބުނެ" ސްޓޭޖުން ފައިބައިފަ އެވެ.
ކާޑޭޝިއަން އަތުން ފޭރުނު މީހުން ހޯދުމަށް ފުލުހުން މިހާރު ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-މާކް ވިދާޅުވީ ފްރާންސަށް ޒިޔާރަތް ކުރާ މީހުންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. ޕެރިހުގެ މޭޔަރު ވިދާޅުވީ ޕެރިހުގައި ވަރަށް މަދުން ނޫނީ ނުހިނގާ މި ހާދިސާ ހިންގި މީހުން ފުލުހުން ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކާޑޭޝިއަން އަށް ޕެރިހުން މަރުހަބާ ކިޔާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.