05 އޮކްޓޯބަރ 2016 - 06:26

އެހެން މީހުންގެ މައްޗަށް އަމުރުކޮށް ކަންކަން ކުރުމުގައި އަމިއްލަ އިހުތިޔާރު އޮންނަ ކަމަށް ގަބޫލުކޮށްގެން އުޅޭ މީހުންގެ އުފާވެރިކަމުގެ ނިސްބަތް އެހެން މީހުންނާ އަޅާބަލާއިރު ކުޑަ ވެދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އޮހާޔޯގައި ހުންނަ ބޯލިން ގްރީން ސްޓޭޓް ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަ އޮފް ސައިކޮލޮޖީ ހޮޝުއާ ގްރަބްސް އޭނާގެ ދިރާސާއަށް ފަހު ވިދާޅުވެފައި ވަނީ އެހެން މީހުންނަށް ވުރެ ތިމާގެ ބާރުވެރިން ބޮޑު ކަމަށް ގަބޫލުކުރާ މީހުންނަށް ހިތްދަތިކަން އަންނަނީ އެ މީހުން އުންމީދުކުރާ ގޮތަށް ކަންކަން ނުވާތީ ކަމަށާއި އެއީ އާންމުކޮށް ދިމާވާނެ ގޮތް ކަމަށެވެ.
"އެހެން މީހުންނަށް ވުރެ އިތުރު ހައްގުތަކާއި ބާރުތަކެއް އޮތް ކަމަށް ގަބޫލުކުރެވޭ ހިސާބެއްގައި މީހާ ހުރުމުން ހަގީގަތުގައި އެ އުންމީދުކުރެވެނީ އޭނާގެ ފަރާތުން އެއްވެސް ކަމަކާ ނުލައި އަނެކާގެ ފަރާތުން ކަމެއް ލިބިގަތުމަށް،" ގްރަބްސް ވިދާޅުވެފައިވެ އެވެ.
ގްރަބްސް ވިދާޅުވެފައި ބާރުތަކެއް ލިބިފައިވާ ކަމަށް އަމިއްލަ އަށް ގަބޫލުކުރެވުމަކީ ނަފްސާނީ އުނިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ދިރިއުޅުމުގައި ތިމާ އަށް އެހެން މީހުންނަށް ވުރެ އިތުރަށް މަންފާތައް ލިބޭނެ ކަމަށް ކުރެވޭ އުންމީދު ހަގީގަތުގައި އެކަން އޮންނަ ވަރަށް ވުރެ ބޮޑުވެގެންދާ ކަމަށް ވެސް ދިރާސާ އަށް ފަހު ބުނެފައިވެ އެވެ.
މި ދިރާސާ އަށް 170 އަށް ވުރެ ގިނަ ދިރާސާއިން މައުލޫމާތު ނަގާފައި ވާއިރު، ނަތީޖާ އިން ދައްކަނީ އެހެން މީހުންގެ މައްޗަށް ބަސްކިޔުމުގެ ބާރު އޮންނަ މީހުން، މި ބާރު ކުޑަކޮށް އޮންނަ މީހުންނާ އަޅާބަލާއިރު މާފަސޭހައިން ކަންކަމާ މާޔޫސްވާ ކަމަށެވެ.
މި މާޔޫސްވުމާ އެކު ރުޅިގަދަވުމާއި އެހެން މީހުން ކުށްވެރިކުރުމާއި އެހެން މީހުންނާ އަބަދު ދެބަސްވުމާއި ޒާތީ ގުޅުންތައް ހީނަރުވެގެން ދިއުން އަދި ޑިޕްރެޝަންގެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް ދިރާސާއިން ހާމަވި އެވެ.
"މިހެން މި ވަނީ ބާރުވެރިކަމެއް އޮތް ކަމަށް ދެއްކުމަކީ، ވަކި ކަމަކާ ނުލައި ވެސް ތިމާ އަށް ވަކި ގޮތަކަށް ކަންތައްތަކެއް ހާސިލްވާން ޖެހޭނެ ކަމަށް ގަބޫލުކުރުމަށް މެދުވެރިކުރުވާ ސަބަބަކަށް ވާތީ،" ގްރަބްސް ވިދާޅުވެފައިވެ އެވެ.
މިއީ ފައިސާވެރި މީހުންނަށް އެކަނި ދިމާވާ މައްސަލައެއް ނޫން ކަމަށާއި މުޖުތަމައުގައި އެ މީހަކަށް އޮންނަ މަގާމެއްގެ ސަބަބުން ވެސް މާބޮޑެތި އުންމީދުތައް ކުރެވި އެކަމަކު އެ ކަންކަން ހަގީގަތަކަށް ނުވުމުން ނުރަނގަޅު ފިކުރުތަކުގެ ތެރެއަށް މީހާ ގެނބިގެން ދަނީ ކަމަށް ގްރަބްސް ވިދާޅުވި އެވެ.