31 މެއި 2016 - 09:13

މެންޗެސްޓާ (މޭ 31) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް މާކަސް ރެޝްފޯޑް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާ ކޮށްފި އެވެ.

ޔުނައިޓެޑުން ބޭނުންނަމަ ހަތަރު އަހަރަށް ފަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު އެއް އަހަރު ކްލަބްގައި ރަޝްފޯޑް މަޑުކުރެވޭ ގޮތަށް މި އެއްބަސްވުމުގައިވެ އެވެ. ރަޝްފޯޑްގެ އިތުރުން ޒުވާން ޑިފެންޑަރު ބޯތުވިކް ޖެކްސަން ވެސް ވަނީ އެއްބަސްވުން އާ ކޮށްފަ އެވެ.
ރަޝްފޯޑް ބުނީ ޔުނައިޓެޑަށް ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"އަހަންނަކީ ކުޑައިރުއްސުރެ ވެސް ޔުނައިޓެޑްގެ ސަޕޯޓަރެއް. ސީނިއާ ޓީމަށް ކުޅެ އަހަރެންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރަން. ބޭނުންވަނީ ކްލަބްގައި ހުރެ ގިނަ ކާމިޔާބީތަކެއް ހޯދަން. ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ކުޅުމުގެ ފުރުސަތު ލިބުމުން އަހަންނާއި އަހަރެންގެ އާއިލާ އިން ވަަރަށް އުފާކުރޭ،" ރަޝްފޯޑް ބުންޏެވެ.
އުމުރުން 18 އަހަރުގެ ރެޝްފޯޑަށް ޔުނައިޓެޑްގެ ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެ ޓީމަށް އަނިޔާގެ މައްސަލަތަށް ދިމާވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ވަނީ ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށްވެފަ އެވެ.
ރެޝްފޯޑް ވަނީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޔޫރޮޕާ ލީގުގައި މިޓްޔައެލަންޑް ކޮޅަށް ލަނޑު ޖެހުމުގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް ކޮޅަށް ދެ ލަނޑު ކާމިޔާބު ކުރި އެވެ. އަދި އިންގްލެންޑަށް އޭނާ ކުޅެދިން އެންމެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކޮޅަށް ވެސް ލަނޑު ޖެހި އެވެ.
މި ފަހަރު ޔޫރޯގައި ވާދަކުރާ އިންގްލެންޑުގެ ސްކޮޑުން ރަޝްފޯޑަށް ޖާގަދިނުމާ މެދު އެ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން ވިސްނަމުންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.