04 އޮކްޓޯބަރ 2016 - 12:40

ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ން ސްރީ ލަންކާގެ ކުންފުންޏަކާ ގުޅިގެން މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމުގެ 150 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފި އެވެ.
އިގްތިސާދީ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ޗައިނާ ސަރުކާރުގެ ކުންފުނިން މާލެއިން ފުރައިގެން ގާތްގަނޑަކަށް 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ތިން ފަޅެއް ހިއްކައިގެން ހަދާ ތިން ރިސޯޓްގައި 470 ކޮޓަރި ހިމެނޭ ކަމަށެވެ. އަދި އެ ތިން ރިސޯޓް ސެޕްޓެމްބަރު 2018 ގައި ނިމޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސީއެމްއީސީ އަކީ ހުޅުމާލެ އާއި ބައެއް ރަށްރަށުގައި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކުންފުންޏެކެވެ.
ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ އަތޮޅުގެ އުތުރުގައި އޮންނަ ތިން ފަޅުން މިހާރު ވެސް 30.5 ހެކްޓަރު ބިން ހިއްކިފައިވާ ކަމަށް ސީއެމްއީސީން ބުނެފައިވެ އެވެ.
ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓް ތަަރައްގީކުރަނީ ފަސް ތަރީގެ ފެންވަރަށެވެ. އެ ރިސޯޓުގައި 120 ކޮޓަރި ހުރެ އެވެ. އަދި ހަތަރު ތަރީގެ ފެންވަރަށް ހަދާ ދެ ރިސޯޓުގައި 350 ކޮޓަރި ހުންނާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ސީއެމްއީސީ އަށް މާލެ އަތޮޅުގެ ތިން ފަޅެއްގައި ރިސޯޓް ހަދަން ދިނީ ކޮން އިރަކު ކަމެއް އަދި އެއީ ކޮން އުސޫލަކުން ކަމެއް ވެސް ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
ސީއެމްއީސީން ތިން ރިސޯޓް ތަރައްގީކުރަނީ ލަންކާގެ އެލްއޯއެލްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޕާމް ގާޑެން ހޮޓެލްސްއާ ގުޅިގެންނެވެ. އެލްއޯއެލްސީގެ ހިއްސާ އޮންނަ ބްރައުން އިންވެސްޓްމަންޓުން ދަނީ 135 ކޮޓަރީގެ މާލޭގެ ނަސަންދުރަ ޕެލަސް ހޮޓަލުގެ އިތުރުން 60 ކޮޓަރި ހިމެނޭ ގޮތަށް ބޮޑުފަރު އަދި 120 ކޮޓަރި ހިމެނޭ ގޮތަށް ބޮޑުފިނޮޅު ވެސް ތަރައްގީކުރަމުންނެވެ.
އާއްމުންގެ ހިއްސާވާ ޕާމް ގާޑެން ހޮޓެލްސް އިން ލަންކާގެ ސްޓޮކް އެކްސްޗޭންޖަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ ސީއެމްއީސީއާ އެކު ރާއްޖޭގައި ރިސޯޓް ތަރައްގީކުރަން ޖޮއިންޓްވެންޗާއެއް ހަދަން ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ސީއެމްއީސީން ރިސޯޓް ތަރައްގީކުރަން ތ. ކަޅުފަހަލަފުށި މިދިޔަ އަހަރު އެ ކުންފުންޏަށް ސަރުކާރުން ވަނީ ކުއްޔަށް ދީފަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެދު ފަންތީގެ 1500 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރާ އެކު ސީއެމްއީސީން މިދިޔަ އަހަރު ސޮއިކޮށްފައިވެ އެވެ. މީގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަސައްކަތް އެ ކުންފުނިން ނިންމާފައިވާ އިރު އިތުރު 700 ފްލެޓް އަންނަނީ އިމާރާތްކުރަމުންނެވެ. އޭގެ އިތުރުން ދެކުނުގެ ބައެއް ރަށްރަށުގައި ވެސް އެކުންފުނިން ގެންދަނީ ހައުސިން ޔުނިޓުތަކެއް ހަދަމުންނެވެ.