ޝަރަޕޯވާގެ ސަސްޕެންޝަން މައްސަލައިގައި ގޮތެއް ނިންމަނީ
ޝަރަޕޯވާގެ ސަސްޕެންޝަން މައްސަލައިގައި ގޮތެއް ނިންމަނީ

ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 4) - މަނާބޭސް ބޭނުންކޮށްގެން، ވޯލްޑް ޓެނިސް ފެޑެރޭޝަނުން ދެ އަހަރަސް ސަސްޕެންޑްކޮށްފައިވާ ރަޝިއާގެ އަންހެން ޓެނިސް ޗެމްޕިއަން މާރިއާ ޝަރަޕޯވާގެ ސަސްޕެންޝަން މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްްސް (ސީއޭއެސް) އިން އަންނަ އަންގާރަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ބުނެފި އެވެ.

ޓެނިހުގެ ހުރިހާ ހަރަކާތަކުން ޝަރަޕޯވާ ދެ އަހަރު ދުވަހަށް ސަސްޕެންޑްކުރަން ވޯލްޑް ޓެނިސް ފެޑެރޭޝަނުން ނިންމީ މިދިޔަ ޖޫން މަހު ނުވަ ވަނަ ދުވަހު އެވެ. ޝަރަޕޯވާ ވަނީ އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ބުނެ، މައްސަލަ ސީއޭއެސް އަށް ހުށަހަޅައިފަ އެވެ.

ޝަރަޕޯވާ ސަސްޕެންޑްކުރީ މި އަހަރު ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތެރޭގައި މަނާބޭހަށް ޕޮޒިޓިވް ވެފައިވާ ކަމަށް މާޗް މަހު އަށް ވަނަ ދުވަހު އެއްބަސްވި ފަހުންނެވެ. ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު މަނާކުރި ބޭހެކެވެ.

އުމުރުން 29 އަހަރުގެ ޝަރަޕޯވާ ބުނީ 2006 ވަނަ އަހަރުން ފެށިގެން އޭނާ މެލްޑޯނިއަމް ބޭނުން ކުރަމުން އަންނަ ކަމަށާއި އޭއީ ބައްޔަކަށް ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ. އަދި މެލްޑޯނިއަމް މަނާބޭހެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާކަން ކުރިން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން ޝަރަޕޯވާ އަށް ވަނީ ގިނަ މުބާރާތްތަކެއް ގެއްލިފަ އެވެ. އޭގެ ތެރޭގައި މި އަހަރުގެ އޮލިމްޕިކްސް ވެސް ހިމެނެ އެވެ.