ބަލޮޓެލީ އަށް ފުރުސަތު އޮތީ ފެންވަރު ދަމަހައްޓައިގެން
ބަލޮޓެލީ އަށް ފުރުސަތު އޮތީ ފެންވަރު ދަމަހައްޓައިގެން

ފްލޮރެންސް (އޮކްޓޯބަރު 4) - މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ޓީމުން ފުރުސަތު ލިބޭނީ އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުމުން ކަމަށް ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނެފި އެވެ.

ބަލޮޓެލީ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފަހުން ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އޭނާގެ ކްލަބް ފޯމް ދަށްވެފައިވާތީ އޭނާ އަށް ފުރުސަތު ދޭން ކުރީގެ ކޯޗު އެންޓޯނިއޯ ދެކޮޅު ހެދި އެވެ. އެކަމަކު ފްރާންސްގެ ނީސް އަށް ބަދަލުވެ ބަލޮޓެލީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސްޕެއިނާއި މެސެޑޯނިއާއާ ދެކޮޅަށް ކުޅެން ވެންޗޫރާ ނެގި ސްކޮޑުން ބަލޮޓެލީ އަށް ޖާގަ ދޭނެ ކަމަށް ބެލެވުނު ނަމަވެސް މި ފަހަރު ފުރުސަތެއް ނުދެ އެވެ.

"އޭނާގެ ފެންވަރާ މެދު ސުވާލެއް އުފެދޭކަށް ނެތް. އެކަމަކު ޓީމުން ޖާގަ ލިބޭނީ އެއް ފެންވަރެއްގައި ކުޅުމުން. އިޓަލީގައި ވެސް ނުވަތަ އެހެން ލީގެއްގައި ވިޔަސް ރަނގަޅު ފެންވަރެއްގައި ކުޅޭ ނަމަ ސްކޮޑުން ފުރުސަތު ލިބޭނެ،" ވެންޗޫރާ ބުންޏެވެ.

މައްސަލަ ބޮޑު ފޯވާޑް ވަނީ 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ އިޓަލީ އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެކަމަކު އަހުލާގީ މައްސަލަތަކާ ހެދި އޭނާގެ ކެރިއަރަށް ވަނީ ހިޔަނި އެޅިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ޖީ ގައި އިޓަލީ ކުޅުނު ފުރަތަމަ މެޗުން އިޒްރޭލް އަތުން 3-1 އިން މޮޅުވެފައިވާއިރު ދެ ވަނަ މެޗުގައި އާދީއްތަ ދުވަހު ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.

"މިއީ ވަރަށް މުހިއްމު މެޗެއް އެކަމަކު މި މެޗުން އެއްވެސް ގޮތެއް ނުނިމޭނެ، އަދި ބައިވަރު މެޗުތައް އެބަހުރި،" ވެންޗޫރާ ބުންޏެވެ. "އަހަރެމެން މި ވާދަކުރަނީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމާ. ކުރީގެ ސްޕެއިނާ މިހާރުގެ ސްޕެއިން ވަރަށް ތަފާތު."