04 އޮކްޓޯބަރ 2016 - 10:55

ދިމިޝްގު (އޮކްޓޯބަރު 4) - ސީރިއާގެ އިރުއުތުރުގެ ޕްރޮވިންސެއް ކަމަށްވާ ހަސަކާހުގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 22 މީހުން މަރާލައިފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއަަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ މެންބަރެއްގެ ކައިވެނި ޕާޓީ ކުރިއަށް ދަނިކޮށް ޖާނުންފިދާވެގެން ހަމަލާދިނީ ޕާޓީ ބޭއްވި ހޯލުގެ ތެރޭގައި ކަމަށެވެ. ކުރުދީންނާއި އަރަބިން ހިމެނޭ އެސްޑީއެފް އަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅު ޖަމާއަތެކެވެ.
މަންޒަރު ދުށް މީހެއް ކަމަަށްވާ އަހުމަދު ބުނީ ކައިވެނި ކުރަމުން ދަނިކޮށް ވަރަށް ބޯ ޖެކެޓެއް ލައިގެން ހުރި މީހަކު އޭނާ ހުރަސްކޮށް ދިޔަ މަންޒަރު ފެނުނު ކަމަށެވެ.
"ކުޑަ އިރިކޮޅެއްގެ ތެރޭގައި ބާރުގަދަ އެއްޗެއް ވަނީ ގޮއްވާލާފައި. ބައެއް މީހުން ބިންމައްޗަށް ވެއްޓި، ހަށިގަނޑުގެ ގުނަވަންތައް ވަނީ ވަކިވެފައި،" ޖާނުންފިދާވުމުގެ ހަމަލާގައި ޒަޚަމްވި އަހުމަދު ބުންޏެވެ.
އޮބްޒަވޭޓަރީން ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން ނަމަވެސް ކައިވެނި ކުރި ދެ މީހުން ސަލާމަތްވެފައިވާ ކަމަށެވެ.
އައިއެސް އިން ފަހުން ވަނީ ހަސަކާހުގައި އޮތް ބޮޑު އެއްވުމެއްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު ހަމަލާދިން ކަމަށް ބުނެފަ އެވެ. އަދި އެ ހަމަލާގައި 40 މީހުން މަރުވި ކަމަށް އައިއެސް އިން ވަނީ ބުނެފަ އެވެ.