04 އޮކްޓޯބަރ 2016 - 10:44

ކަނޑިއެއް ގެންގުޅުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
މ. ނޫރުއްސަބާހް އަބްދުލްބާސިތު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ޖުލައި، 2008، ގައި ތިން ފޫޓު ބައިގެ ކަނޑިއެއް ގެންގުޅުނު މައްސަލައިގަ އެވެ. ކަނޑި ގެންގުޅުމުގެ އިތުރުން އެ ކަނޑިން ފުލުހެއްގެ އަތުގައި ޖެހި މައްސަލައެއްގައި އޭނާގެ މައްޗަށް މާރާމާރީގެ ކުށް ވެސް ކުރިން އޮތީ ސާބިތުވެފަ އެވެ.
ކަނޑި ގެންގުޅުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ ބާސިތުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އޭނާ ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ތާއީދު ކުރީ އެ މައްސަލަ ބާސިތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ބާސިތު ކަނޑިން ފުލުހަކަށް ހަމަލާދިން މައްސަލާގައި އޭނާ އަށް އަދަބު ދީފައި ވަނިކޮށް ކަނޑި ގެންގުޅުނު މައްސަލާގައި އިތުރު 15 އަހަރުގެ ޖަލު ހުކުމެއް އިއްވުމަކީ އެއް ކުށަކަށް ދެ ފަހަރު އަދަބު ދިނުން ކަމަށް ބާސިތުގެ ފަރާތުން ހައި ކޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ މާރާމާރީގެ ކުށާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށަކީ ތަފާތު ދެ ކުށެއް ކަމަށާއި އެ ދެ ކުށުގެ މާއްދީ ރުކުން ވެސް ތަފާތު ކަމަށެވެ.
އެހެންވެ، ބާސިތަށް އެއް ކުށަކަށް ދެ ފަހަރު އަދަބު ދީފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ބާސިތަށް އަދަބު ދޭންޖެހޭނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ބާސިތުގެ ފަރާތުން ހައި ކޯޓުގައި ބުންޏަސް ހުކުމުގައިވަނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އެ ގާނޫނު ނުހިނގާނެ ކަމަށެވެ.
މީގެ އިތުރުން ކަނޑި ގެންގުޅުނު މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމަށާއި ލިބެންޖެހޭ ހައްގުތައް ދީފައިނުވާ ކަމަށާއި ބާސިތުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުކުރި މައްސަލަ ވެސް ބާސިތުގެ ފަރާތުން ފާހަގަކުރި އެވެ. އެކަމަކު ހުކުމުގައިވަނީ ބާސިތަށް ތަހުގީގުގައި ލިބެންޖެހޭ ހައްގުތައް ދީފައިވާ ކަމަށާއި ބާސިތުގެ ހެކިން ހާޒިރު ނުކުރަން ނިންމި ނިންމުން ގޯސް ކަމަށް ބެލެވެން ނެތް ކަމަށެވެ.