ލަންކާ އިން ސާކް ސަމިޓް ބޮއިކޮޓް ކުރީ އިންޑިއާ ރުއްސަން: އިދިކޮޅު މެންބަރު
ލަންކާ އިން ސާކް ސަމިޓް ބޮއިކޮޓް ކުރީ އިންޑިއާ ރުއްސަން: އިދިކޮޅު މެންބަރު

ކޮލަމްބޯ (އޮކްޓޯބަރު 4) - އިސްލާމްއާބާދުގައި ބާއްވާ ސާކް ސަމިޓް ސްރީ ލަންކާ އިން ބޮއިކޮޓްކުރީ އަވަށްޓެރި އިންޑިއާގެ ނުފޫޒުގައި އެ ގައުމު ރުއްސަން ކަމަށް ޕާލަމެންޓުގައި ހިމެނޭ އިދިކޮޅު މެންބަރަކު ވިދާޅުވެއްޖެ އެވެ.

ޕިވިތުރާ ހެލާ އުރުމަޔާ (ޕީއެޗްޔޫ) ގެ ޕާލަމެންޓް މެންބަރު އަދި އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އުދަޔާ ގަމަންޕިލާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ އިންޑިއާ ރުއްސުމުގެ ބޭނުމަކީ ސާކް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ނިންމުމަކީ ލަންކާގެ ޚާރިޖީ ސިޔާސަތުގައި އެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ ލަންކާ އިން ސާކް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ބުނެ ބަޔާން ނެރުނީ ހަތަރު ގައުމަކުން ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ބުނެފައިވާތީ، ސަމިޓް ކެންސަލްވާނެކަން ޔަގީންވާނެކަން އެނގިހުރެ ކަމަށެވެ.

"އިންޑިއާ އިން ސާކް ސަމިޓުގައި ބައިވެރިނުވާން ނިންމި ހިސާބުން ލަންކާ އަށް އެނގޭ މިފަަހަރު ސަމިޓް ނުބޭއްވޭނެކަން. އެހެންވެ ސަމިޓުގައި ލަންކާ ބައިވެރިނުވާނެ ކަމަށް ބުނެ ބަޔާނެއް ނެރުމަކީ ބޭނުން ހުރި ކަމެއް ނޫން. އޭގެ ހަމައެކަނި ބޭނުމަކީ އިންޑިއާ ރުއްސަން،" ގަމަންޕިލާ ވިދާޅުވި އެވެ.

ލަންކާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހު 10-11 އަށް އިސްލާމްއާބާދުގައި ބާއްވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރިނުވާން ނިންމީ މިހާރުގެ ހާލަތު އޮތް ގޮތުން ސަމިޓް ބޭއްވޭވަރުގެ މާހައުލެއް ނެތުމުން ކަމަށެވެ.

އިދިކޮޅު މެންބަރު ގަމަންޕިލާ ވިދާޅުވީ 1991 ވަނަ އަހަރު ލަންކާގައި ބޭއްވި ސާކް ސަމިޓް އިންޑިއާ އިން ބޮއިކޮޓްކޮށްފައިވާ ކަމަށެވެ. އެކަމަކު ޕާކިސްތާނުގެ ބޮޑު ވަޒީރު ވަނީ ލަންކާއާ އެކުގައިވާކަން ދެއްކުމަށް އެ ފަހަރުގެ ސަމިޓުގައި ބައިވެރިވާނެކަން އަންގަވައިފަ އެވެ. އަދި ލަންކާގައި 30 އަހަރުވަންދެން ކުރި ހަނގުރާމައިގައި އިންޑިއާ އިން ވަނީ ޓެރަރިސްޓުން ތަމްރީނު ކުރަން އެހީވެ، އެ މީހުންނަށް ހިމާޔަތް ދީފައި ކަމަށާއި އޭގެ ބަދަލުގައި ޕާކިސްތާނުން ވަނީ ޓެރަރިޒަމް ބަލިކުރުމަށް ލަންކާ ސިފައިންނަށް އެހީވެދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.