110 ޓަނުގެ މަހާއެކު މިފްކޯގެ ބޯޓެއް ފަރަށް އަރައިފި
110 ޓަނުގެ މަހާއެކު މިފްކޯގެ ބޯޓެއް ފަރަށް އަރައިފި

މިފްކޯގެ މަސްބޯޓެއް 110 ޓަނުގެ މަހާއެކު މ. އަތޮޅުގެ ފަރަކަށް ރޭ އަރައިފި އެވެ.

ވޭވަށުގެ ދޮންގިރިއަ ނަމަކަށް ކިޔާ ފަރަށް ބޯޓު އެރީ ރޭ ދަންވަރު 12:47 ހާއިރެވެ.

މ. މުލީ ކައުންސިލް މެމްބަރު އިބްރާހިމް ޒަކީ ވިދާޅުވީ ބޯޓު ފަރަށް އެރީ މަސް ބަރުކޮށްގެން ކޫއްޑުއަށް ދަތުރުކުރަނިކޮށް ކަމަށެވެ.

މުލީ ބޭރުގައި މި ބޯޓު ބާއްވައިގެން މަސް ކިރުވާތާ ހަފުތާއެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ކަލެކްޓް ކޮށްގެން މުލީ ކައިރިން ދަނިކޮށް އެ ފަރަށް އެރީ. ވަރަށް ބޮޑަށް އަރާފައި އެ އޮތީ،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓު ފުންކުރުމަށް މުލީ ކައުންސިލްގެ އެހީތެރިކަމަށް މިފްކޯއިން އެދިފައިވާ ކަމަށާއި އެކަމަށް ޓަގު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިފްކޯއިން މިހާރު ދުއްވާ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ބޯޓު ފަރަށް އެރިއިރު، ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި ވެސް އެ ބޯޓު ފުން ކުރެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ މ. އަތޮޅުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސް ބޯޓެއް ފަރަށް އެރުމުން، އެ އަތޮޅުގެ މަސްވެރިންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

ފަރަށް އެރީ މިފްކޯއިން މިހާރު ބޭނުން ކުރަމުން އަންނަ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ބޯޓެވެ.

މިކަމާ ގުޅޭގޮތުން މިފްކޯގެ ބަހެއް އަދި ނުލިބެ އެވެ.